އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެންޗެސްޓާ ސިޓީއާއި، ކްރިސްޓަލް ޕެލަސްގެ މެޗުގައި ފަހަތުން އަރައި، 4-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީން މެޗު ކާމިޔާބުކޮށްފިއެވެ.
މިމެޗްގައި ހާލަންޑް ވަނީ 3 ގޯލް ޖަހައި އިނގިރޭސި ލީގުގައި އޭނަގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ.
ސިޓީ ކޮޅަށް މެޗުގައި ފުރަތަމަ ހާފުގައި ކްރިސްޓަލް ޕެލަސް އިން ދެ ގޯލު ޖެހިއިރު، މެޗުގެ ހަތަރު ވަނަ މިނިޓްގައި ޕެލަސް އިން ލީޑުނެގީ ސިޓީގެ ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަދި 21 ވަނަ މިނިޓްގައި އެންޑަސަން ޕެލަސްއަށް ލީޑުފުޅާކޮށްދިނެވެ.
ސިޓީއަށް ފުރަތަމަ ގޯލު ޖަހައިިދިނީ 53 ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ އެވެ. ހާލަންޑް މެޗުގެ 62 ވަނަ މިނިޓްގައި ސިޓީ އަށް އެއްވަރުކޮށްދިނީ ފިލް ފޯޑެން ނެގި ހުރަހަކުން ބޮލުން ޖެހި ގޯލުންނެވެ. ސިޓީ އަށް ލީޑުނަަގައިދިން ގޯލު ހާލަންޑް ޖެހީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ.
މެޗުގެ 81 ވަނަ މިނިޓްގައި ސިޓީގެ އިލްކާއި ގުންޑޮގާން ދިން ބޯޅައެއް ހިފައިގެން ޕެލަސްގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ހާލަންޑް ވަނީ އޭނާގެ ހެޓްރިކް ހަދައި، ސިޓީ އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އިތުރު ބައެއް މެޗުތަކަށް ބަލައިލާއިރު، ޗެލްސީން، ލެސްޓާގެ މައްޗަށް 2-1 ގެނަތީޖާއިން ކުރި ހޯދާފައިވާއިރު، ބޯންމައުތު ކޮޅަށް 9 ގޯލް ޖަހައި ލިވަޕޫލުން ވަނީ ބޮޑު މޮޅެއް ހޯދާފައެވެ. އަދި ސިޓީއާއި، ކްރިސްޓަލް ޕެލަސްގެ މެޗުގައި ފަހަތުން އަރައި، ސިޓީން ވަނީ 4-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ.
މީގެ އިތުރުން އެވަޓަން އާއި ބްރެންޓް ފޯޑް މެޗް 1-1 ގެ ނަތީޖާއިން ހަމަހަމަ ނިމުމެއް ފެނިފައިވާއިރު، ޔުނައިޓެޑުން ވަނީ 1-0 ގެ ނަތީޖާއިން ސައުތުހެމްޓަން ބަލިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!