އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ލިވަޕޫލުން، ބޯންމައުތު ކޮޅަށް 9 ގޯލް ޖަހައި ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފިއެވެ.

ވޭތުވެ ދިޔަ 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގުގެ ފުރަތަމަ ތިން މެޗުގައި މޮޅެއް ނުލިބި އޮތް ލިވަޕޫލުން ބޯންމައުތު ކޮޅަށް 9 ގޯލު ޖެހިއިރު، އެ ޓީމަށް ލީޑުނަގައިދިނީ ތިން ވަނަ މިނިޓްގައި ލުއިޒް ޑިއާޒް ޖެހި ގޯލުންނެވެ.

Ad
rt

ހަ ވަނަ މިނިޓްގައި ހާވީ އެލިއަޓް ޖެހި ގޯލުން ލިވަޕޫލް ލީޑުފުޅާކުރި އެވެ. މެޗުގެ 28 ވަނަ މިނިޓްގައި އަލެކްސަންޑަ އާނޯލްޑް ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހިއިރު، 31 ވަނަ މިނިޓްގައި ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. ލިވަޕޫލުން ފުރަތަމަ ޖެހި ތިން ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ފިރްމީނޯ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވާޖިލް ވެން ޑައިކް ލިވަޕޫލްގެ ފަސް ވަނަ ގޯލު ޖެހި އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭގައި ބޯންމައުތުގެ ކްރިސް މެފަޕް އަތުން ބައިކޮޅަށް ވަން ގޯލާ އެކު ލިވަޕޫލުން ހަ ވަނަ ގޯލެއް ޖެހި އެެވެ. މެޗުގެ 62 ވަނަ މިނިޓްގައި ފިރްމީނޯ ލިވަޕޫލްގެ ހަތް ވަނަ ގޯލު ޖެހިއިރު، މިއީ އޭނާ ލިވަޕޫލަށް ޖަހައިދިން 100 ވަނަ ގޯލެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ކަވާލިއޯ 8 ވަނަ ގޯލް ކާމިޔާބް ކޮށްދިންއިރު ،އޭގެ ފަސް މިނިޓް ފަހުން، ސިމިކާސް ނެގި ކޯނަރަކުން ޑިއާޒް ވަނީ ލިވަޕޫލްގެ 9 ވަނަ ގޯލު ޖަހައިފަ އެވެ. ލިވަޕޫލްއިން 9 ގޯލް ޖެހި މިމެޗްގައި މިސްރުގެ ތަރި މުހައްމަދު ސަލާހަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި ގޯލެއްޖަހަން އެސިސްޓެއްވެސް ހެދިފައެއް ނުވެއެވެ.

މިއީ 9 ގޯލްގެ ތަފާތުން ލީގު މެޗެއް ލިވަޕޫލްއިން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ޕްރިމިއާ ލީގުގެ ތާރީހުގައި ޓީމެއް 9 ގޯލުން މޮޅުވި ހަތަރު ވަނަ ފަހަރެވެ.