ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ކަމުގައިވާ ޔުއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާއަށް ލިބިއްޖެއެވެ.

ފާއިތުވެދިޔަ ސީޒަންގައި ޔުއެފާގެ މަޤާމްތަކަށް ހޮވުނު ފަރާތްތަކުގެ ނަން އިޢުލާންކޮށް އެވޯޑް ހަވާލުކޮށްފައި ވަނީ ރޭ ތުރުކީގެ އިސްތަންބޫލުގައި ބޭއްވި ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ގުރުއަތުލުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި އިވެންޓްގައެވެ.

Ad
rt

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ބެންޒެމާ ހޯދިއިރު، އެންމެ މޮޅު ކޯޗްގެ މަޤާމް ލިބިފައި ވަނީ ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އެންޗެލޯޓީއަށެވެ. މިއީ މި މަޤާމް ބެންޒެމާއަށާއި އެންޗެލޯޓީއަށް ވެސް ލިބުނު ފުރަތަމަ ފަހަރެވެ. އެންމެ މޮޅު ކޯޗުގެ މަޤާމަށް ދެން ވާދަކޮށްފައި ވަނީ މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ އިތުރުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕެވެ.

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާއަށް ބެންޒެމާއާއި އެކު ވާދަކޮށްފައި ވަނީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާގެ އިތުރުން ރެއާލް މެޑްރިޑްގެ ގޯލްކީޕަރ ކޯޓުއާއެވެ.

އުމުރުން 34 އަހަރުގެ ބެންޒެމާއަށް ފާއިތުވި އަހަރަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ އަހަރެކެވެ. މިގޮތުން ބެންޒެމާ ވަނީ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމުގެ އިތުރުން، 15 ލަނޑު ޖަހައި ޓޮޕް ސްކޯރާގެ މަގާމް ވެސް ހޯދައިފަ އެވެ.

ޗެމްޕިއްނަސް ލީގުގެ ނޮކައުޓް ބުރުގައި ޗެލްސީއާއި މެންޗެސްޓާ ސިޓީގެ އިތުރުން ފްރާންސްގެ ޕީއެސްޖީ މައްޗަށް ރެއާލް ކުރިހޯދާފައި ވަނީ އެ މެޗުތަކުގައި ބެންޒެމާ ކާމިޔާބުކުރި މުހިންމު ލަނޑުތަކުންނެވެ. މިގޮތުން އޭނާ ވަނީ ނޮކައުޓް ބުރުގައި އެކަނި ވެސް 10 ލަނޑު ޖަހާފައެވެ.

ފާއިތުވި އަހަރު ބެންޒެމާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ރެއާލް މެޑްރިޑާއިއެކު ޗެމްޕިއަންސް ލީގާއި ލަލީގާ އަދި ސްޕެނިޝް ސުޕަ ކަޕް ހިމެނެއެވެ. ފްރާންސާއިއެކު ޔުއެފާ ނޭޝަންސް ލީގު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ކްލަބް ލެވަލްގައި ޖުމްލަ 46 މެޗު ކުޅުނު ބެންޒެމާ ވަނީ އެ ޓީމަށް 44 ގޯލު ޖަހައި 13 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މިފަހަރު ބްލޮންޑިއޯ އެވޯޑަށް ސޯޓްލިސްޓް ކުރި ކުޅުންތެރިންގެ ތެރޭގައި ބެންޒެމާ ހިމެނޭއިރު، މިފަހަރު އެ އެވޯޑް ކާމިޔާބު ކުރާނެ ކަމަށް ވެސް ބެލެވެނީ ބެންޒެމާއެވެ.