ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހެއްކާއި ބެހޭ ބިލަށް އިސްލާހެއް ހުށަހެޅުމުގެ މަސައްކަތް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ފަށައިފިއެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވެސް އެ ބިލާ މެދު އެމްޖޭއޭއާއި، އެމްއެމްސީން ވެސް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. އެގޮތުން ކޮމިޓީ މަރުހަލާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބިލަށް ވޯޓަށް އެހި ދުވަހު އިހުތިޖާޖުވެސް ކޮށްފައިވެއެވެ.

Ad
rt

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބިލް ތަސްދީގުކޮށްފައިވަނީ ވެސް ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށް, އެ ބިލް އިސްލާހު ކުރުމަށް ގޮވާލައި ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ.

ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ މައްސަލަތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެ އެވެ. މިކަމުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަމާއި، ގައުމީ ސަލާމަތުގެ މައްސަލަތައް ފުޅާ ގޮތެއްގައި ގާނޫނުގައި ހިމަނާފައިވުމެވެ.

މީގެ އިތުރަށް މި ގާނޫނު އޮތް ގޮތުން މިގޮތަށް މަސްދަރު ހާމަކުރުމަށް އެދި ދައުލަތަށާއި ދައުވާ ލިބޭ މީހާއަށް ވެސް ހުށަހެޅޭނެ އެވެ. އެ ހުށަހެޅުން ދަށު ކޯޓުތަކަށް ވެސް ހުށަހެޅޭނެ އެވެ. މިއީ ވެސް އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެކެވެ.

މި ގާނޫނަށް އިސްލާހު ހުށަހެޅުމަށް އެމްޖޭއޭއިން ޑްރާފްޓްކޮށްފައިވާ އިސްލާހުގައިވާގޮތުން، މީޑިއާއަކަށް ދިން މައުލޫމާތަކީ އެ މައުލޫމާތެް ދިން މީހާ ހާމަނުކުރުމަށް ވައުދުވެ ހޯދާފައިވާ މައުލޫމާތެއް ނަމަ، އެ ފަރާތެއްގެ އިޒްނައާ ނުލައި މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރެވިގެން ނުވާނެއެވެ.

އެކަމަކު މަސްދަރު ހާމަކުރަން އެދެވިދާނެ ފަދަ ހާލަތްތައް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ސޮއިކޮށް ދިވެހިރާއްޖޭގެ ހައިކޯޓު ގައި އެދެވިދާނެ ކަމަށް ހިމަނާފައިވެއެވެ. އެކަމަކު ދައުވާ ލިބޭ މީހާއަށާއި، ދަށު ކޯޓަށް މަސްދަރު ހޯދަން އެދެވޭކަށް ނެތެވެ.

ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައި ވަނީ:

  • މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން؛
  • ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން؛
  • ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛
  • މުދަލަށް ބޮޑެތި ގެއްލުން ދިނުން؛
  • ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން؛
  • އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން؛
  • މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން.

މިގޮތަށް މަސްދަރު ހޯދަން އެދޭ އިރު ވެސް އެ މައްސަލައަކާ ގުޅިގެން ކޮންމެހެން މަސްދަރުހަމަކުރަންޖެހޭތޯ، އަދި ސްދަރު ހަމާނުކޮށްފިނަމަ ނިކުންނާނެ ނޭދެވޭނަތީ އާއި، މަސްދަރު ހާމަޮށްގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރާނެ އަސަރު ބަލަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

އެމްޖޭއޭއިން ޑްރާފްޓްކޮށްފައިވާ މި އިސްލާހު މިހާރު ވަނީ އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައެވެ. ޚިޔާލު ހުށަހެޅެނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.