ޔޫރަޕްގެ ކުލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ޤުރުއަތުލުން މިރޭ ބާއްވާފައިވާއިރު، މި ފަހަރު ވެސް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ސްޕެއިންގެ ބާސެލޯނާ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.
ފާއިތުވި ސީޒަންގައި ވެސް މި ދެ ޓީމް އެއް ގްރޫޕެއްގައި ހިމެނުނުއިރު، ބާސާ ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. މި ފަހަރު މަރުގެ ގްރޫޕްގެ ގޮތުގައި ބެލެވޭ މި ގްރޫޕުގައި (ގްރޫޕް ސީ) ދެން ހިމެނެނީ އިޓަލީގެ އިންޓަ މިލާނާއި ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެންއެވެ. މި ގްރޫޕުގައި ބަޔާންއާއި ބާސާ ވާދަކުރަން ޖެހޭއިރު އެ މެޗުތައް އެންމެ ހާއްސަވެގެންދާނީ ބަޔާން މިޔުނިކަށް އަށް އަހަރު ކުޅެ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު މި ސީޒަންގައި ބާސާއަށް ބަދަލުވި ލެވަންޑޯސްކީއަށެވެ.
ދެނެ ހުރި ގްރޫޕްތަކަށް ބަލައިލާއިރު ގްރޫޕް އޭގައި ހިމެނެނީ ނެދަލެންޑްގެ އަޔެކްސްއާއި، އިނގްލެންޑްގެ ލިވަޕޫލާއި އިޓަލީގެ ނަޕޯލީގެ އިތުރުން ރޭންޖާސްއެވެ.
ގްރޫޕް ބީގައި ހިމެނޭ ޓީމަތަކަކީ ޕޯޗުގަލްގެ ޕޯޓޯއާއި، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި، ޖަރުމަނުގެ ބަޔާން ލެވަކޫސަންގެ އިތުރުން ކުލަބް ބުރޫޖެވެ.
ގްރޫޕް ޑީގައި ހިމެނެނީ ޖަރުމަނުގެ ފްރޭންކްފާޓާއި، އިންގްލެންޑްގެ ޓޮޓެންހަމާއި، ޕޯޗުގަލްގެ ސްޕޯޓިންގ ލިސްބަންގެ އިތުރުން ފްރާންސްގެ މާސޭއެވެ.
ގްރޫޕް އީގައި ހިމެނެނީ އިޓަލީގެ އޭސީ މިލާނާއި، އިންގްލެންޑެގެ ޗެލްސީއާއި، ޖަރުމަނުގެ އާރުބީ ސަލްޒްބާގްގެ އިތުރުން ޑައިނަމޯ ޒަގްރެބްއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ހިމެނެނީ ގްރޫޕް އެފްގައެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ޖަރުމަނުގެ އާރުބީ ލައިޕްޒިގްގެ އިތުރުން ސެލްޓިކާއި ޝަކްތަރ ޑޮނެސްކެވެ.
ގްރޫޕް އެފްގައި ހިމެނެނީ އިންގްލެންޑްގެ ޗްމްޕިއަން މެންޗެސްޓާ ސިޓީ، ސްޕެއިންގެ ސެވިއްޔާ، ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްގެ އިތުރުން އެފްސީ ކޯޕަންހޭގެންއެވެ. ގިނަތަރިންތަކެއް ހިމެނޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އޮތީ ގްރޫޕް އެޗްގައެވެ. ދެން މި ގްރޫޕްގައި ހިމެނެނީ އިޓަލީގެ ޔުވެންޓަސްއާއި ޕޯޗުގަލްގެ ބެންފީކާގެ އިތުރުން އިސްރާއީލްގެ މެކާބީ ހައިފާއެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މި ސީޒަންގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!