މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އަންގާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މާލޭގެ ބައެއް މިސްކިތްތަކުން ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ނަމާދުކުރަން އަންގާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ދާދި ފަހުން ރިޕޯޓުކޮށްފައެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެފަަދަ އެއްވެސް އެންގުމެއް އަންގާފައި ނުވާނެ ކަމަށާއި، ސާއިކިއުލާއެއް ވެސް ނުނެރޭ ކަމަށެވެ. އަދި އެފަދަ ވިސްނުމެއް ވެސް މިނިސްޓްރީގައި ނެތް ކަމަށް ބުނެއެވެ.

Ad
rt

މިނިސްޓްރީން ބުނީ ހުރިހާ މިސްކިތެއްގައި ވެސް ސްޕީކަރުތައް ހުންނާނީ ބޭރަށާއި، ސަރަހައްދަށް އަޑު އިވޭ ގޮތަށް ކަމަށެވެ. އަދި އަމަލުކުރާނީ އެ އުސޫލުން ކަމަށެވެ. އެކަމަކު ފަސް މިސްކިތަކުން ޖަހުރިއްޔަ ނަމާދުކުރާއިރު މިހާރަށް ވުރެ ނަމާދުގެ އަޑު މަޑުކުރަން އެންގި ކަމަށް ބުނެއެވެ.

މިނިސްޓްރީން ބުނިގޮތުގައި މިގޮތަށް އެންގީ ބައެއް މިސްކިތްތަކަކީ ކައިރިކައިރީގައި ހުންނަ މިސްކިތްތަކަށް ވެފައި އެއް މިސްކިތުގެ އަޑު އަނެއް މިސްކިތަށް ފޯރުމުން އޮޅުން އަރާގޮތް ވާތީއެވެ. އަދި ބައެއް ގެ ތަކުގައި ތުއްތުކުދިން ވެސް އުޅޭ އިރު، އެކުދިންނަށް ދަތިވާކަމުގެ ޝަކުވާތައް ވެސް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންވެ މިހާރަށް ވުރެ އަޑު މަޑުކުރުމަކީ އިސްލާމީ ގޮތުން ވެސް އެންމެ މަސްލަހަު ރަނގަޅު ގޮތް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.