ޖަޕަނީޒް ގަރާންޓް އެއިޑް(ޖޭޑީއެސް)ގެ ފަރާތުން އަންނަ އަހަރަށް ދިވެހިރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސްކޮލާޝިޕް އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. އަދި ޖޭޑީއެސްގެ ފަރާތުން ސޮއިކުރެއްވީ، ރެސިޓެންޓް ރެޕްރެޒެންޓޭޓިވް މޮޓޮ ޓަކީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޙަސަން ވަނީ ޖަޕާނުން ރާއްޖެއަށް ވެމުން ގެންދަވާ އެހީއަށް ޖަޕާނުގެ ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ. އަދި ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ޞާލިޙްގެ ލީޑާޝިޕްގެ ދަށުން އަންނަނީ ދުވަހެއް ދުވަހަކަށްވުރެ ފުޅާވަމުން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ޙަސަން ވިދާޅުވި ގޮތުގައި، މަތީ ތައުލީމަށް ދެވޭ ލޯނާއި ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމު ކުރާ ޓްވެޓް ސެންޓަރުތަކާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއަދު ސޮއިކުރެވުނު ސްކޮލާޝިޕްތަކަކީ، މައިގަނޑު ތިން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭ ސްކޮލާޝިޕްތަކެކެވެ. އޭގެ ތެރޭގައި އެންވަޔަރަމަންޓް، ކްލައިމެންޓް ޗޭންޖް އެންޑް ޑިޒާސްޓާ މެނޭޖްމަންޓާއި އިކޮނޮމިކް އެންޑް އިންޑަސްޓްރިއަލް ޕޮލިސީ ހިމެނެއެވެ. އޭގެ ތެރޭގައި މާސްޓާ އޮފް ޕަބްލިކް ޕޮލިސީ އާއި މާސްޓާ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި މާސްޓާ އޮފް އާޓްސް އިން ޕަބްލިކް ޕޮލިސީ ހިމެނެއެވެ. އޭގެ އިތުރަށް މާސްޓާ އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް ވެސް ހިމެނެއެވެ.
މިސްކޮލާޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތް ކުރައްވާނީ ސްކޮލަރޝިޕް ދެއްވާ ފަރާތުން ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މި ސްކޮލާޝިޕަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި 22 އަހަރާއި 39 އަހަރު މީހަކަށްވާންޖެހޭއިރު އެމީހެއްގެ އަތުގައި ބެޗްލާސް ޑިގްރީއެއް އޮންނަން ޖެހެއެވެ. އަދި ސިވިލް ސާވަންޓެއް ނުވަތަ މިނިވަން މުވައްސަސާއެއްގެ ދާއިމީ މުވައްޒަފަކަށް ވާންޖެހެ އެވެ. އޭގެ އިތުރަށް މަސައްކަތުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ވެސް އެމީހެއްގެ އަތުގައި އޮންނަން ޖެހެއެވެ.
ޖޭޑީއެސްގެ ޕްރޮގްރާމުތަކަކީ އެއް އަހަރު ނުވަތަ ދެ އަހަރުގެ ޕްރޮގްރާމްތަކެކެވެ. މިއަދު ސޮއި ކުރެވުނު ސްކޮލާޝިޕްތަކަށް އިއުލާން ކުރާނީ މި އަހަރުގެ ފަހުކޮޅުގަ އެވެ.
ޖޭޑީއެސްގެ މި ސްކޮލާޝިޕްތަކަކީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ޖަޕާނުން އެހީ ފޯރުކޮށްދިނުމުގެ ގޮތުންދޭ ސްކޮލާޝިޕްތަކެކެވެ.
2020 ވަނަ އަހަރުން ފެށިގެން ޖޭޑީއެސްއިން ދޭ މި ސްކޮލާޝިޕްގައި މިހާރުވެސް 13 ދަރިވަރުން ދަނީ ކިޔަވަމުން އަންނައިރު، މިއީ ޖޭޑީއެސް އިން މި ސްކޮލާޝިޕް ދޭ ތިންވަނަ އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!