ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމްކޮށް، ޓެކްސީ ގަވައިދަށް އިސްލާހު ގެނެސްފި އެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އިއްޔެ ވަނީ އިސްލާޙުތަކާއެކު ''ޓެކްސީ ޤަވާޢިދު'' ގެޒެޓް ކޮށްފައެވެ. އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މިޤަވާޢިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފަށަނީ އިއްޔެ އިން ފެށިގެން ހަމަސް ދުވަސް ފަހުންނެވެ.
މި ގަވައިދަށް އަލަށް ގެނައި އިސްލާޙްތަކުގެ ތެރެއިން އެއް އިސްލާޙަކީ ޓެކްސީގެ ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ޑޭޝް ކެމެރާއިން ރެކޯޑްކުރެވޭ ގޮތަށް ހަދަންޖެހުމެވެ. އަދި އެ ރެކޯޑިން، މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭނެ ކަމަށް އެ ޤަވާޢިދުގައި ބުނެފަވެއެވެ.
މީގެ އިތުރުން ޓެކްސީ ހިދުމަތްތަކުގެ އަގުތައް ދަތުރުކުރާ މީހުންނަށް ފެންނާނެހެން ބަހައްޓަންޖެހޭއިރު، ޓެކްސީތައް އޭސީ ކުރަން ވެސް މި ގަވާއިދުން ވަނީ ލާޒިމުކޮށްފައިވެ އެވެ.
އޭސީ މަސައްކަތް ނުކުރާނަމަ އެ މައްސަލަ ހައްލު ކުރެވެންދެން އެކަން ދަތުރުވެރިންނަށް އަންގަން ޖެހެއެވެ. އަދި އެފަދަ ހާލަތެއްގައި ވައި ދައުރުވާ ގޮތަށް ޓެކްސީގެ ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުމަށްވެސް ގަވައިދުގައި ބުނެ އެވެ.
މީގެ އިތުރުން "ޕްރައިވެޓް ހަޔާ" ނުވަތަ ޓެކްސީ ސެންޓަރަކާ ނުގުޅި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ބައެއް ކަންކަންވެސް ގަވައިދުގައި ހިމަނާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!