ޑިއުޓީ ގަޑީގައި ރެސްޓް ކުރަން ކަމަށް ބުނެ ނިދަން އޮންނަ ހޯރަފުށީ ޑޮކްޓަރު ވަޒީފާއިން ޑޮކްޓަރު ސަސްޕެންޑް ކޮށްފިއެވެ.
ހޯރަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހީމް ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، އެ ޑޮކްޓަރު އިއްޔެއިން ފެށިގެން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ރަޝީދު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ޑޮކްޓަރު ފުރުވާލުމުގެ އެންމެ ފަހު މަރުޙަލާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ މަރުކަޒަށް އައު ޑޮކްޓަރެއް ފޮނުއްވައި ދެއްވާނެ ކަމަށް ހެލްތް މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.
ނައިޖީރިއާ އަށް ނިސްބަތްވާ އެ ޑޮކްޓަރު އެ މަރުކަޒުގެ ޚިދުމަތާ ގުޅިގެން މިވީ ދެމަހެއްހާ ދުވަހެވެ. މި ދުވަސްތަކުގެ ތެރޭގައި ޑިއުޓީ ގަޑީގައި އޭނާ ނިދަން އޮންނަ މަންޒަރު ފޮޓޯތައް ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ.
ޑޮކްޓަރު ސަސްޕެންޑް ކޮށްފައި މިވަނީ ހުން ގަދަވެގެން ހޯރަފުށީ ސިއްހީ މަރުކަޒަށް ފަރުވާ ހޯދަން ގެންދިޔަ ކުޑަ ކުއްޖަކަށް ފަރުވާ ނުދީ ''ރެސްޓް ކުރަން ކަމަށް ބުނެ'' ފަރުވާކުޑަކުރި މައްސަލައެއް އެ ކުއްޖާގެ ބައްޕަ މީސް މީޑިއާ މެދުވެރިކޮށް ފެންމަތިކޮށްފައި ވަނިކޮށެވެ.
ހޯރަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހީމް ރަޝީދު އިއްޔެ ''ތިލަދުން'' އަށް ވިދާޅުވިގޮތުގައި މި ޑޮކްޓަރުގެ ފަރުވާކުޑަކަން ފާހަގަ ކުރެވިގެން މީގެ ކުރިން ވަނީ އަނގަބަހުންނާއި، ލިޔުމުން ވެސް އިސްލާޙްވާން ނަސޭހަތްތެރި ވެފައެވެ.
ސައުވީސް ގަޑިއިރުގެ ޚިދުމަތް ފޯރުކޮށްދޭ ހޯރަފުށީ ސިއްހީ މަރުކަޒުގައި ޢާންމު ގޮތެއްގައި ދެ ޑޮކްޓަރުން ތިއްބަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!