ސްކޫލް ކުއްޖަކަށް ބަދުއަހުލާގީ މަންޒަރު ފެންނަ ވީޑިއޯއެއް ދެއްކި މައްސަލައެއްގައި ޓީޗަރަކު ސަސްޕެންޑުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޓީޗަރު ކުއްޖާއަށް ވީޑިއޯ ދެއްކީ ޓިއުޝަން ދޭން ކަމަށް ބުނެ ގެއަށް ގެންގޮސްގެން ކަމަށެވެ. އެކަމަކު އެއީކޮން ސްކޫލެއްގެ ޓީޗަރެއް ކަމާއި، ކުއްޖާއާ ގުޅުން ހުރި އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.

Ad
rt

މިނިސްޓްރީން ބުނިގޮތުގައި އެ މައްސަލަ މިނިސްޓްރީ އަށް ހުށަހެޅި މި މަހު 17 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ސްކޫލަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ. މީގެ އިތުރަށް މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ބުނެއެވެ. އެކަމަކު ފުލުހުން އަދި މި މައްސަލާގެ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައި މިވަނީ މިފަަދަ މައްސަލައެއްގައި ޓީޗަރަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯއެއް މިރޭ ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

އެ ވީޑިއޯއިން ފެންނަނީ "ފިރިހެންކުޅި" ޖަހާފައިވާ ކާޑު ބޯޑު ގަނޑެއް އެމީހާ އަތަށްދީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ސަރަހައްދުގައި އޭނާ އަށް އަނިޔާކުރާ ތަނެވެ. ފެންނަ ފެނުމަށް އެމީހާ އަކީ އުމުރުން 25 އަހަރާއި 28 އަހަރާއި ދެމެދުގެ މީހެއް ކަމަށް ބެލެވެއެވެ.

އެ ވީޑިއޯއިން އެނގޭ ގޮތުގައި އެމީހާ ކުދިންނަށް ޖިންސީ ގޯނާ ކުރީ ޓިއުޝަން ނަގައިދޭން ކަމަށް ބުނެ ގެންގޮސްގެންނެވެ. އަދި އޭނާ ޓިއުޝަން ދޭން ބުނީ ވެސް އަމިއްލައަށް ކަމަށާއި، އެއީ ގާޒީ ސްކޫލްގައި ކިޔަވައިދޭ ޓީޗަރެއް ކަމަށް ވެސް އެނާ އާ ދިމާލައަށް ހަޅޭއްލެވި މީހުން ބުނާތީ ވީޑިއޯއިން އަޑު އިވެއެވެ.

އެކަމަކު އެމީހާ އައީ ގިނަ ކުދިންތަކަކަށް ގޯނާކުރި ކަމަށް އިންކާރުކުރަމުންނެވެ. އޭނާ ބުނާގޮތުގައި އޭނާ ގޯނާކުރީ އެންމެ ކުއްޖަކަށެވެ. ވީޑިއޯގެ އަޑުން އެނގޭ ގޮތުގައި އޭނާ މި އަމަލު ހިންގާފައި ވަނީ ގްރޭޑް 4 ގައި އުޅޭ އުމުރުން 12 އަހަރުގެ ކުދިންތަކަކާ މެދުގައެވެ. އަދި އެކުދިން ގްރޫމް ކުރުމުގެ ގޮތުން ޗޮކްލެޓް ދޭނަމޭ ބުނުމާއި، ލަދު ނުގަތުމަށް ބުނެ އެކި ކަހަލަ ވާހަކަ ދައްކާފައިވާ ކަމަށް ވެސް ވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ހުޅުމާލޭ ފޭސް 2 ގައި ބަޔަކު މީހުން މީހަކަށް އަނިޔާކުރާ ކަމުގެ ރިޕޯޓް މިރޭ 22:00 ހާއިރު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާ ލިބިފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.