ރައީސް އޮފީހުގެ އައު ތަރުޖަމާނަކަށް ފޮރިން މިނިސްޓްރީގެ ކުރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނުކަން މިއުވާންއަށް ދީފައި މިވަނީ އެމަގާމުގައި ކުރިން ހުންނެވި މުހައްމަދު މަބްރޫކް އަޒީޒް އިސްތިއުފާދިނުމާއި ގުޅިގެންނެވެ. މިއުވާން ވެސް ފޮރިން މިނިސްޓްރީން އިސްތިއުފާދެއްވީ މި މަހުގެ 22 ވަނަ ދުވަހުއެވެ. މިހާރު އެ މިނިސްޓްރީގައި މިއުވާންގެ މަގާމު ފުރަނީ ޞަފާތު އަޙްމަދު ޒާހިރު އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަކީ މިނިސްޓަރުގެ ނައިބު ފެންވަރުގެ މަގާމެކެވެ.
މިއުވާން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރަކަށް އައްޔަންކުރީ މި ސަރުކާރުގައެވެ. އޭގެ ކުރިން އޭނާ އަކީ ރާއްޖެ ޓީވީގެ ނޫސްވެރިއެކެވެ.
އައިޓީ އެންޑް މެނޭޖްމަންޓް ދާއިރާއިން މަތީތައުލީމް ހާސިލްކޮށްފައިވާ މިއުވާން އަކީ ނޫސްވެރިކަމުގައި ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!