2020 ވަނަ އަހަރު ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދިޔަ އިރު ރާއްޖެއަށް ވެންޓިލޭޓަރ ހޯދުމުގެތެރެއިން ހިންގި ކޮރަޕްޝަންގެ މައްސަލާގައި ހިމެނޭ ސިޔާސީ ނުފޫޒު ގަަ އަި މަގާމުތަކުގައި ތިބި މީހުން ބަރީއަވަނީތޯ ސުވާލުއުފައްދައި، އެ މައްސަލާގައި ކަން ހިނގާ ގޮތާއި މެދު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
2020 ވަނަ އަހަރު ފެންމަތިވި މި މައްސަލާގައި އޭރު ހެލްތު މިނިސްޓަރުގެ ގޮތުގައި ހުންނެވި އަމީން އަބްދުﷲ މަގާމުން އިސްތިއުފާ ދެއްވި އިރު، މިހާތަނަށް އެ މައްސަލާގައި މިނިސްޓަރ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް 4 ފަހަރު ޕީޖީ އޮފީހަށް އޭސީސީން ފޮނުވާފައިވެއެވެ. އެކަމަކު އެ މައްސަލާގައި އެކި ކަންކަން ފުރިހަމަނުވާ ކަމަށް ބުނެ ކޮންމެ ފަހަރަކު ވެސް ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވަނީއެވެ. އެހެންވެ މިހާރު އޭސީސީން ވަނީ އެ މައްސަލަ ފައިލްކޮށްފައެވެ.
އެކަމާ ކަންބޮޑޫވުން ފާޅުކޮށް ޓްރާންސްޕޭރެންސީން ބުނީ ޕީޖީ އޮފީހުން ތަކުރާރުކޮށް މައްސަލަ އަނބުރަ ފޮނުވުމާއި އޭސީސީން މިހާރު މައްސަލަ ފައިލްކުރުމަކީ މިމައްސަލަ ބަލާ ފިޔަވަޅުއެޅުމުގެ ސިޔާސި ނިޔަތާއި ތަހުގީގުގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމެއްކަމަށެވެ. މިމައްސަލާގައި ހާމަކަން ކުޑަވުމުގެސަބަބުން، ވަކި ފަރާތްތަކެއްގެ މައްޗަށް އަދުލު އިންސާފުގެ ބާރު ނުފޯރުމާއި މަގާމުތަކުގައި ތިބި ބާރުގަދަ މީހުން ކުށުން ބަރީއަވަނީތޯ ޓްރާންސްޕޭރެންސީއިން ވަނީ ސުވާލު އުފައްދާފައެވެ.
އެގްޒެކިޔުޓަރސް ޖެނެރަލް ޓްރޭޑިންގ މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ވެންޓިލޭޓަރު ގަތުމަށް ވަކި ބަޔަކަށް ފައިދާވާގޮތަށް އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށްވާ ފައިސާ ދެއްކުމާއި، ހަގީގަތާއި ހިލާފު މައުލޫމާތު ބޭނުންކޮށްގެން ޕަރފޯމަންސް އަދި އެޑްވާންސް ޕޭމަންޓް ގެރެންޓީ ބެހެއްޓުމެއްނެތި، ބިޑް ކޮމޓީއިން ގަތުމަށް ނިންމި ބްރޭންޑް ނޫން އެހެން ބްރޭންޑެއްގެ ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެއްބަސްވުމަކީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަންކަންކަމަށް ބެލެވޭކަމަށް ޓްރާންސްޕޭރެންސީއިން ބުނެއެވެ. އެހެންވެ މި މައްސަލަ ބަލާ ތަހުގީގުކޮށް، މިކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރިކުރުވުމަށް ގޮވާލާފައިވެއެވެ.
ވެންޓިލޭޓަރު ގެނައުމަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށް އެގްޒެކިޔުޓާޒް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަށް 75 ވެންޓިލޭޓަރެއް ގެނައުމަށް ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު ރާއްޖެއަށް ލިބިފައިވަނީ 10 ވެންޓިލޭޓަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!