ރައްޔިތުންގެ މަޖިލީހު މެންބަރުންގެ ޢަދަދު 87 އަށް ވުރެ އިތުރުނުވާނެހެން، މަޖިލީހަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަކީ 87 ކަމުގައި ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަނޑައަޅަން ވާނީ އެ މާއްދާގެ 1 ވަނަ ނަންބަރު އަދި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިން ކަމަށެވެ. އެ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވަނީ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެންޖެހޭނެ އެވެ. އެ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބުނެފައި ވަނީ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް ހުންނަން ޖެހޭނެ ކަމަށެވެ.
ގާސިމް އިސްލާޙް ހުށަހަޅުއްވާފައި ވަނީ މި މާއްދާ އިސްލާޙް ކުރުމަށެވެ. މިގޮތުން 71 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ޢަދަދަކީ 87 ކަމަށް އެ އިސްލާޙްގައި ބުނެފަވެއެވެ. އަދި އެ މާއްދާގެ (ހ) ގެ ގޮތުގައި ''މި ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ހިމެނޭ އިދާރީ ދާއިރާތަކުގެ ތެރޭގައި 87 އިންތިޚާބީ ދާއިރާ ކަނޑައެޅުމަށްފަހު، އެއިން ކޮންމެ އިންތިޚާބީ ދާއިރާއަކަށް އިންތިޚާބު ކުރާނީ އެއް މެންބަރެވެ.'' މިގޮތަށް އިސްލާޙް ހުށަހަޅުއްވާފަ ވެއެވެ.
މި އިސްލާޙް ހުށަހަޅުއްވަމުން ގާސިމް ވަނީ 7 އޯގަސްޓް 2008 ވަނަ އަހަރުން ފެށިގެން މިހާތަށް މަޖިލީހުގެ ތިން އިންތިޚާބެއް ބޭއްވިފައިވާއިރު، 2009 ވަނަ އަހަރުގެ އިންތިޚާބުގައި މަޖިލީހަށް އިންތިޚާބުކޮށްފައި ވަނީ 77 މެންބަރުން ކަމަށާއި، 2014 ވަނަ އަހަރު 85 މެންބަރުން އަދި ދެން އޮތް 19 ވަނަ މަޖިލީހުގެ އިންތިޚާބުގައި 87 މެންބަރުން އިންތިޚާބުކޮށްފައިވާކަން ފާހަގަ ކުރަށްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި މިއަދަދު ހުއްޓުމެއްނެތި ކުރިއަށް ދާނަމަ، އެއީ ރާއްޖެފަދަ ކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް ބޭނުންވާ ވަރަށްވުރެ މާގިނަ ޢަދަދަކަށް މެންބަރުން އިންތިޚާބު ކުރަންޖެހޭނެ ކަމަށް ގާސިމް ވަނީ ފާހަގަ ކުރަށްވާފައެވެ.
އެހެންކަމުން އެކަމަކީ އިގްތިސާދީ ގޮތުންނާއި، އެ ނޫންވެސް ގޮތްގޮތުން ގައުމަށް ބުރަބޮޑުވާނެ ކަމަކަށްވާތީ މެންބަރުންގެ އަދަދު ވަކި ޢަދަދަކަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި ބޭއްވުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް އެ އިސްލާޙް ހުށަހަޅުއްވަމުން ގާސިމް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!