އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުވެސް ކާމިޔާބުކޮށް ލީގުގައި ކުޅުނު 4 މެޗުންވެސް އާސެނަލް މޮޅުވެއްޖެއެވެ.

ލީގުގައި ކުޅުނު 4 މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ ހަމަ އެކަނި އާސެނަލް އަށެވެ. މި މެޗު އާސެނަލް ކާމިޔާބު ކުރީ ފަހަތުން އަރާ 2-1 ގެ ނަތީޖާއިން ފުލަމް ބަލިކޮށްގެންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ގޯލު 56 ވަނަ މިނެޓްގައި ފުލަމްއަށް ކާމިޔާބު ކޮށްދިނީ އެލެކްސަންޑްރާ މިތުރޮވިޗް އެވެ. އާސެނަލް ދަނޑުގައި ކުޅުނު މި މެޗުގެ އާސެނަލް އިން މެޗުގެ ނަތީޖާ ހަމަ ހަމަ ކުރީ 64 ވަނަ މިނެޓްގައި ސަކާގެ އެހީތެރިކަމާއެކު އޮޑެގާޑް ޖަހއިދިން ގޯލުންނެވެ. މެޗު އެއްވަރުވާން ދަނިކޮށް އާސެނަލް މޮޅުކޮށްދިން ގޯލު 85 ވަނަ މިނިޓްގައި ޖެހީ ގަބްރިއެލް އެވެ.

މިއީ އާޓެޓާގެ އިރުސާދުގެދަށުން އާސެނަލް ކުޅުނު 100 ވަނަ މެޗެވެ. އާޓެޓާ އާސެންލްގެ ކޯޗު ކަމާއި ހަވާލުވީފަހުން 53 މެޗުން މޮޅުވެ 16 މެޗް އެއްވަރުވީ އިރު 31 މެޗުން އާސެނަލް ވަނީ ބަލިވެފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އިތުރު ބައެއް މެޗުތަކަށް ބަލައިލާއިރު، ޗެލްސީން މިރޭ ލެސްޓާގެ މައްޗަށް ކުރިހޯދީ 2-1 ގެނަތީޖާއިންނެވެ. ޗެލްސީއަށް 2 ގޯލްވެސް ކާމިޔާބު ކޮށްދިނީ ރަހީމް ސްޓާލިން އެވެ. ފުރަތަމަ ގޯލް 47 ވަނަ މިނެޓްގައި އަދި ދެވަނަ ގޯލް ޖަހައިފައިވަނީ 63 ވަނަ މިނެޓްގައެވެ. ލެސްޓާއިންޖެހި ހަމަ އެކަނި ގޯލް 66 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ބާންސް އެވެ.

ލީގުގައި މިހާތަނަަށް މޮޅެއް ހޯދިފައިނުވާ އެވަޓަން މިރޭ މެޗްވެސް ނިމުނީ 1-1 ގެ ނަތީޖާއިން ބްރެންޓް ފޯޑާއި އެއްވަރުވެގެންނެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުން މޮޅުވެ ޔުނައިޓެޑްވަނީ މި އަހަރު ފެބްރުއަރީ އަށްފަހު ފުރަތަމަ ފަހަރަށް ލީގުގައި ޖެހިޖެހިގެން ދެ މެޗުން މޮޅެއް ހޯދައިފައެވެ. ސައުތުހެމްޓަން ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. މެޗު ހަމައެކަނި ލަނޑު 55 ވަނަ މިނެޓްގައި ޖެހީ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ފެނާންޑޭޒެވެ.

ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މި މެޗްވެސް ފެށީ ބެންޗުންނެވެ. ރެއާލް މެޑްރިޑުން ޔުނައިޓެޑަށް ދާދި ފަހުން ބަދަލުވި ބްރެޒިލްގެ މިޑްފީލްޑަރު ކަސަމީރޯ ވަނީ މެޗުގެ ފަހު 10 މިނިޓުގައި ކުޅެން ނިކުމެފަ އެވެ.

މީގެ އިތުރުން ބޯންމައުތު ކޮޅަށް 9 ގޯލް ޖަހައި ލިވަޕޫލުން ބޮޑު މޮޅެއް ހޯދާފައިވާއިރު، ސިޓީއާއި، ކްރިސްޓަލް ޕެލަސްގެ މެޗުގައި ފަހަތުން އަރައި، ސިޓީން ވަނީ 4-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ.