މިއަދު މެންދުރު ހުޅުމާލެ މަގުމަތިން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން އަދި އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހަށް ހަމަލާދިން މީހާއާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފިއެވެ.

މެންދުރު 1:30 ހާއިރު މަގުމަތިން އަލީ ސާލިހަށް ހަމަލާ ދިނީ ކަޓަރަކުންނެވެ. އެ ހާދިސާގައި ލިބުނު ޒަހަމުތަކަށް އަލީ ވަނީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ.

Ad
rt

އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެފަދަ މީހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީ މުޅި މުޖުތަމައުއަށް ބިރުވެރި ނުރައްކަލެއް ކަމަށެވެ. އެހެންވެ އެކަމުގައި އެކަށީގެންވާ ފިޔަވަޅު އަޅައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދިފައިވެއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކުށްވެރިކުރައްވައި ޓުވީޓުކުރައްވާފައެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގައި އިންތިޒާމުކޮށްގެން ހިންގޭ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާކުރަން ޖެހޭ ކަމަށެވެ.

މި މައްސަލާގައި މިހާރު ވަނީ އެމީހާ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަގޮތުގައި އެމީހާ އަކީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ހުކުރު ނަމާދު ވަގުތު ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި ހުތުބާ ދޭން މަސައްކަތްކުރި މީހާއެވެ. އެ މައްސަލާގައި ވެސް އޭނާ ހައްޔަރުކުރިއެވެ. އެކަމަކު ފަހުން އޭނާ ދޫކޮށްލީއެވެ.

ވީޑިއޯއިން ފެންނަގޮތުގައި އެމީހާ އައީ ސައިކަލަކުންނެވެ. އައިސް އަލީ ސޯލިހު ކުރިމަތީ މަޑުކުރުމަށް ފަހު ކޮނޑުގައި އަޅުވާފައި އޮތް ދަބަހުން ކަޓަރެއް ނަގައި ހަމަލާދިނެވެ. އޭނާ ހަމަލާ އަމާޒުކުރިތަން ފެންނަނީ އަލީ ގެ ކަރާ ދިމާއަށެވެ. އޭރު އަލީ ގެންދިޔައީ ހުއްޓުވަން މަސައްކަތްކުރަމުންނެވެ. އަދި ފަހުން ސައިކަލުން ފުންމާލުމަށް ފަހު ދުށްވައިގަތް މަންޒަރު ފެނެއެވެ.

އޭގެ ފަހުން އެމީހާ އެ ސަރަހައްދުގައި އެއްވެސް ތިބި މީހުންނަށް ވެސް ބިރު ދައްކައި "ކެރެންޏާ އަންނާށޭ" ބުނެ ހަޅޭއްލަވާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އޭނާ ހަޅޭއްލަވަމުން ދެއްކީ އިސްލާމް ދީނުގެ ތާރީހާއި ގުޅުން ހުރި ބައެއް ވާހަކަތަކެވެ. އެގޮތުން ބަދުރު ހަނގުރާމައިގެ ވާހަކައާއި ގިޔާމަތުގެ ވާހަކަވެސް އޭނާ ދެއްކިއެވެ.