އުރީދޫ މޯލްޑިވްސް އިން ސ. ހިތަދޫގައި ގާއިމް ކޮށްފައިވާ އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރީމިއާ ލައުންޖް އަލުން އަޕްގްރޭޑްކޮށް މިއަދު ހުޅުވައިލައިފިއެވެ.
އުރީދޫގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" ގެ ދަށުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް މި ބަދަލު ގެނެވިފައިވަނީ އައްޑު އަތޮޅުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުރީދޫ ކަސްޓަމަ ބޭސްއަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުމުގެ ގޮތުންކަމަށް އެ ކުންފުނިން ބުންޏެވެ.
ހިތަދޫ ލިންކް ރޯޑްގައި ގާއިމްކުރެވިފައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރ (އޯއީސީ) ފަރުމާކޮށްފައިވަނީ، އެ ކުންފުނިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތައް، ހިތަދޫގައި އިތުރުވަމުންދާ އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިވާނެ ގޮތަށެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހިތަދޫ އޯއީސީ އާއި ކްލަބް ޕްރިމިއާ ލައުންޖް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު، ޙުސައިން ނިޔާޒް އަދި ހެޑް އޮފް ކަސްޓަމާ ކެއަރގެ ދިޔާނާ އަފީފްއެވެ.
އުރީދޫގެ ސީއީއޯ ޚާލިދު ވިދާޅުވީ އެ ކުންފުނީގެ ޑިޖިޓަލް ސެލްފް ސާވިސް ޕޯޓަލްތަކުގެ އިތުރުން، ހުރިހާ ޓަޗްޕޮއިންޓްތަކެއްގައި ވެސް ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ޙާއްސަ އަހައްމިޔަތުކަމެއްދޭނެ ކަމަށެވެ. އެގޮތުން މި ގެނެވުނު ބަދަލާއެކު އުއްމީދަކީ އުރީދޫ ޙިދުމަތްތައް ލިބިގަތުމުގައި އައްޑޫ ސިޓީގެ ކަސްޓަމަރުން އިތުރު ފަސޭހައެއް ލިބިގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ބްރޭންޑް ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއި އެއްގޮތައް ކަސްޓަމަރުން އަޅުގަނޑުމެންނާ އެކު ކުރެވޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." ޚާލިދު ވިދާޅުވިއެވެ.
މާލެއެކޭ އެއްފަދައިން މިއަދު ހިތަދޫގައި ހުޅުވުނު އައު އޯއީސީ އަކީ ކަސްޓަމަރުންނަށް ހޫނު މަރުހަބާއެއް ކިޔޭ ފަދަ މާހައުލެއްގައި، ތަފާތު އެކި އުފެއްދުންތަކާއި ޚިދުމަތްތައް، އަވަސް އަދި ފަސޭހަގޮތެއްގައި އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެއާއި އެކު، ހިތަދޫ އޯއީސީގައިވެސް އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނުފަދަ އުރީދޫ އިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް، ތަޖުރިބާ ކުރުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ހިތަދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ ޕްރީމިއަމް ލައުންޖެއްވެސް ވަނީ ގާއިމްކޮށްފައެވެ. އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތްތަކުގެ އިތުރުން، ކްލަބް ޕްރިމިއާ ލައުންޖަށް ވަނުމާއެކު، ހިތްގައިމު މާހައުލެއްގައި އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެއެވެ.
އެހެނިހެން އޯއީސީތަކާއި އެއްފަދައިން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، ހެނދުނު 9 އިން ހަވީރު 4 އަަށް ކަސްޓަމަރުންނަޑް ޚިދުމަތްލިބޭނެއެވެ. އުރީދޫ އެކްސްޕީރިއަސް ސެންޓަރުތަކުގެ އިތުރުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާ އުރީދޫގެ ބިޒްނަސް ޕާޓްނާ ފިހާރަތަކުންނާއި، ސޭލްސް ޕާޓްނާ ފިހާރަތަކުން، އުރީދޫގެ ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެއެވެ.
އުރީދޫ އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިތުރު މައުލޫމާތު، www.ooredoo.mv އިން ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!