އައްޑޫ ސިޓީ ކައުންސިލާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ލާމަރުކަޒީ ޤާނޫނުގެ އިޞްލާޙުތަކާއެކީ ކުރެވުނު ތަޖުރިބާއިން، ކައުންސިލްތައް ހިންގުމުގައި ހައްލުކުރަން ޖެހޭ ކަންތައްތަކެއްހުރިކަން ފާހަގަވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކައުންސިލް ބައްދަލުވުމަށް ފަހު ކުރެއްވި ޓުވީޓެއްގައެވެ.
އައްޑޫސިޓީގެ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ހައްލުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވުނު. އަދި ލާމަރުކަޒީ ޤާނޫނުގެ އިޞްލާޙުތަކާއެކީ ކުރެވުނު ތަޖުރިބާއިން، ކައުންސިލްތައް ހިންގުމުގައި ހައްލުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަވި. https://t.co/7VAxv7XIOj
— Ibrahim Mohamed Solih (@ibusolih) August 22, 2022
މި ބައްދަލުވުމާއި ގުޅިގެން ރައީސް އޮފީހުން ބުނީ އައްޑޫ ސިޓީއަކީ މި ސަރުކާރުން އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢު ހިންގާ އެއް ސިޓީކަން އެ ކައުންސިލުން އުފަލާއެކު ފާހަގަކުރެއްވި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ސިޓީ ކައުންސިލާ ގިނަ ގިނައިން ބައްދަލުކުރައްވައި ގާތުން ކަންކަން ބައްލަވަމުންދާ ކަމަށްޓަކައި ޝުކުރުއަދާކުރައްވާފައިވާ ކަމަށް ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭ ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތާއި، ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. މިގޮތުން، ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ދިމާވާ ބަޖެޓުގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތަކާއި، އިޖްތިމާޢީ މައްސަލަތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ކައުންސިލުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވާރަކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯއްދަވާދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާގައި އެކައުންސިލަަށް ދިމާވި ބައެއް ދަތިތައް ޙައްލުކުރަން ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖްލިސް މެންބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެން އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!