ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ގަރާރު އަނބުރާ ގެންގޮސްފިއެވެ.
ހުކުރު ދުވަހު ފެށި އިރު އެންމެ ފާހަގަކުރެވެ ކަމަކަށް އެ ކޮންގްރެސްގައި ހިމެނުނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެ ކޮންގްރެސްއަށް ހުށަހެޅި ބަރުލަމާނީ ގަރާރުގެ ބަހުސްއެވެ. މި ގަރާރާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެކޮޅުވެ. އެކަމަކު މި ކޮންގްރެސް ފެށުނު އިރު ވެސް ނަޝީދު އައީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މުހިންމު ކަމުގެ ވާހަކަދައްކަވައި އެކަން ޕްރޮމޯޓްކުރަމުންނެވެ.
ކޮންގްރެސްގެ އެންމެ ފަހު މަރުހަލާގެ ތެރެއިން ވޯޓުލުމުގައި އެންމެ ފަހަށް އޮތީ ބަރުލަމާނީ ގަރާރެވެ. އެހިސާބުން ރައީސް ނަޝީދު ވިދާޅުވީ އެ ގަރާރު ކޮންގްރެސްއިން އަނބުރާ ގެންދަން ނިންމަވާފައިވާ ކަމަށެވެ. އަދި އެއީ ގިނަ މަޝްވަރާތައް ބޭނުންވާ ކަމެއް ކަމެއް ކަމަށާއި، މަޑުޖައްސާލަން ނިންމީ އެހެންވެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ މި ނިންމެވުމަށް ތާއުރީފްކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެއީ ޕާޓީ އަށް އެންމެ ރަނގަޅު ނިންމެވުން ކަމަށް ބުނެ ދެން އެންމެން އެކުގައި 2023 ވަނަ އަހަރަށް ތައްޔާރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސް ނަޝީދުގެ ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!