އިންޑިއާގެ އެމިޓީ ޔުނިވާސިޓީ (ނޮއިޑާ) އިން އިންތިޒާމުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ނޫސްވެރިންނާއި އެޑިޓަރުންގެ ވަފުދެއް އިންޑިއާ އަށް މިއަދު ފުރައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ "އިން ސަރވިސް ޓްރެއިނިންގެ އޮފް އެޑިޓަރސް އެންޑް ޖަރނަލިސްޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ އެމިޓީ ޔުނިވާސިޓީ އިން އިންތިޒާމްކުރާ 8 ދުވަހުގެ މި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުރި ދިވެހި ނޫސްވެރިންނާއި އެޑިޓަރުންގެ ވަފުދުގައި ޖުމްލަ 20 ފަރާތެއް ހިމެނޭ ކަމަށެވެ.

Ad
rt

އެ ފަރާތައް ތަމްސީލްކުރާ މީޑިއާތަކަކީ، ތިލަދުން، މި ނޫސް، އޭދަފުށި ޓައިމްސް، ވަގުތު ނޫސް، ޕަބްލިކް ސަރވިސް މީޑިއާ، ގާފު އޮންލައިން، ސަން އޮންލައިން، ވީ މީޑިއާ، އޭއޯ ނިއުސް، އަދަދު ނޫސް، އަރި އޮންލައިން، ރާއްޖެ ޓިވީ، އާފަތިސް ނޫސް، އަވަސް އޮންލައިން، އެމްވީޓީވީ، މިހާރު ނޫސް އަދި ދެން އޮންލައިން އެވެ.

މިއީ ދިވެހި މީޑިއާގެ މަސައްކަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ލިބިފައިވާ ފުރުސަތެއްކަމަށް އެ ކައުންސިލުން ބުނެއެވެ.

މީޑިއާ ކައުންސިލުން ބުނި ގޮތުގައި އެ ޕްރޮގްރާމުގައި ނޫސްވެރިކަމުގެ އެތިކްސް އާއި މީޑިއާ ދާއިރާގެ މުހިއްމު ގާނޫނުތަކާއި ނޫސްވެެރިކަމުގެ ބެސްޓް ޕްރެކްޓިސް އާއި ކޮންފްލިކްޓް ހާލަތްތަކުގައި ރިޕޯޓްކުރާނެ ގޮތާއި ކުއްލި ހާލަތުގައި ރިޕޯޓްކުރުމުގެ ސުލޫކީ މިންގަނޑުތައް ނޫސްވެރިންނަށް ކިޔައިދޭނެ އެވެ.

މީގެ އިތުރުން ސިޓިޒަން ޖާނަލިޒަމް އާއި ވީޑިއޯ ޖާނަލިޒަމްގެ އިތުރުން މޯބައިލް ރިޕޯޓިން އާއި ކޮމިއުނިޓީ ބްރޯޑްކާސްޓިން އާއި އިންވެސްޓިގޭޓިވް ޖާނަލިޒަމާއި އިންތިހާބުތަކުގައި ރިޕޯޓްކުރާނެ ގޮތްތައް ވެސް އެ ޕްރޮގްރާމުގައި ކިޔައިދޭނެ ކަމަށް މީޑީއާ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން، އިންޑިއާގެ އެކި މީޑިއާ ހައުސްތަކަށާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް އެތަންތަނުގެ އެޑިޓަރުންނާއި ނޫސްވެރިންނާ މަސްއޫލުވެރިންނާ ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ދާނެއެވެ.