ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ތެރޭގައި ކުންފުނިތަކުން މަޖުބޫރުކޮށްގެން މުވައްޒަފުންގެ ސިޔާސީ ނިންމުންތަކާ ގުޅުވައި ވަޒީފާ ގެއްލުވާލާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެނަކައިން މިސާލު ނެގީ އެ ކުންފުންޏަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކޮންގްރެސްގައި އަމަލުކުރާ ގޮތަކުން ވަޒީފާއަށް އެއްވެސް ހިޔަންޏެއް ނޭޅޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

Ad
rt

މިސާލަކަށް ފެނަކައިގެ ސީއީއޯ ވިދާޅުވެދާނެ އަޅުގަނޑާ ވާހަކަދައްކައިފިއްޔާ ކަނޑާލާނަމޭ. އިނގޭތޯ! އެކަމަކު އެހެނެއް ނުވާނެ އޭ

މިކަމާ ގުޅިގެން ސައީދު ވިދާޅުވީ ފެނަކައިގެ އެއްވެސްް މުވައްޒަފަކަށް އެފަދަ އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ. އެގޮތުން ވަކި ކަމަކަށް ވޯޓު ދޭން ނުވަތަ ނުދޭން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، ކޮންގްރެސްގައި ނިންމާ ނިންމުންތަކަށް މިނިވަންކަމާއެކު ވޯޓު ދެވޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރަށް އެއްވެސް މުވައްޒަފަކަށް ވަކި ސިޔާސީ ބޭފުޅަކާއި ވާހަކަ ނުދެއްކުމަށް ނުވަތަ ވަކި ގޮތަކަށް އަމަލުކުރުމަށް އެއްވެސް މުވައްޒަފަކަށް އަންގަވާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ސައީދުގެ ނަން ބޭނުން ކުރައްވާ، މިސާލު ނަންގަވައިގެން އެ ވާހަކަ ދެއްކެވީ ސައީދު އަށް ރައީސް ނަޝީދުކުރައްވާ އިތުބާރު ބޮޑުވުމުން ކަމާއި، އެފަދަ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަން ޔަގީންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.