އަތޮޅުތެރޭގެ ރަށްތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް އައި އިރު 19 ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ނިޒާމަށް ގައުމު ހިންގުމުގެ އުސޫލުގެ ދަށުން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި އެކު ކޮންމެ ރަށެއްގެ ވެސް ލޭންޑް ޔޫޒް ޕްލޭން އެ ރަށެއްގެ ކައުންސިލުން ހެދުން ލާޒިމްކުރެއެވެ. މީގެ ކުރިން ކައުންސިލްތަކަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަތޮޅާއި ރަށުގެ އިހްތިސާސްގައިވާ ބިންތައް ބޭނުން ނުކުރެވުމެވެ. މި ބަދަލާއި އެކު ބިން ބޭނުންކޮށް އޭގެ ފައިދާ ކައުންސިލަށް ހޯދޭނެއެވެ.

Ad
rt

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ މިހާތަނަށް 68 ރަށެއްގެ ކައުންސިލަކުން ލޭންޑު ޔޫސް ޕްލޭން ހުށައަޅާފައިވާކަމަށާއި، އޭގެ ތެރެއިން 19 ލޭންޑު ޔޫސް ޕްލޭން ފާސްކޮށްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ އެލްޖީއޭގެ ބަޖެޓުގައި ހިމެނިގެން ލޭންޑު ޔޫސް ޕްލޭން ހެދުމަށް ހަވާލުކުރެވުނު ހުރިހާ ރަށެއްގެ ފަންޑްސް މިހަރު އެކައުންސިލަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ލޭންޑް ޔޫސްޕްލޭން ހަދާ ފަރާތަކާ ހަވާލުކުރެވި އެ މަސައްކަތް ދަނީ ޝެޑިއުލާ އެއްގޮތަށް ކުރެވެމުން އަންނަ ކަން ފާހަގަކުރެއްިއެވެ.

އަފްޝަން ވިދާޅުވީ ވީހާވެސް އަވަހަކަށް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ހެދި ރަށްރަށުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ އެންމެ ފުރިހަމަ ނަފާ ރައްޔިތުންނަށް އެންމެ ފައިދާވާނެގޮތަކަށް ކުރެވިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.