ޗެލްސީގެ ކޯޗުކަމުގައި މިވަގުތު ހުރި ތޯމަސް ޓުޗެލް އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކުރުމުގެ މަޝްވަރާތަށް ކުރެވެމުން އަންނަ ކަމުގައި އޭނާ ހާމަކޮށްފިއެވެ.
ޓުޗެލް ޗެލްސީއާއި ހަވާލުވެފައި ވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ޗެލްސީން އޭނާއަށް ފުރަތަމަ ދީފައި ވަނީ 18 މަސްދުވަހުގެ ކޮންޓްރެކްޓެކެވެ. ޓުޗެލް ޗެލްސީއާއި ހަވާލުވިތާ ހަތަރު މަސްދުވަހުގެ ތެރޭ އެ ޓީމަށް އެ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމާއި ގުޅިގެން، ޗެލްސީން ވަނީ އޭނާއާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޓުޗެލް ބުނެފައި ވަނީ ޗެލްސީގައި އިތުރަށް މަޑުކުރުމާއި ގުޅޭގޮތުން، އޭނާގެ މީހުން ކުލަބުގެ ވެރިންނާއި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ޗެލްސީގައި ހުރުމަކީ އޭނާއަށް ލިބޭ ބޮޑު އުފަލެއްކަމަށެވެ. އަދި މިވަގުތު ޗެލްސީގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށެވެ.
އުމުރުން 48 އަހަރުގެ ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީން ހޯދާފައިވާ ކާމިޔާބީ ތަކުގެ ތެރޭގައި ޗެމްޕިއަންސް ލީގު އެއްފަހަރު، ޔުއެފާ ސުޕަކަޕް އެއްފަހަރު އަދި ކުލަބް ވޯލްޑް ކަޕް އެއްފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އިނގިރޭސި އެފްއޭކަޕް ފައިނަލުގައި ދެ ފަހަރު، އަދި ކަރަބޯ ކަޕް ފައިނަލުގައި އެއްފަހަރު ވަނީ ވާދަ ކޮށްފައެވެ.
ޓުޗެލްވަނީ އޭނާ ޗެލްސީއަށް ބަދަލުވުމުގެ ކުރިން ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑަށާއި ފްރާންސްގެ ޕީއެސްޖީއަށް ކޯޗް ކޮށްދީ ކާމިޔާބީތައް ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!