ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނައިޓަށް ގެޔަށް ދެވޭ ގޮތް ވެއްޖެކަމަށާއި 700 ޑޮލަރު ގެއަށް ނުގެންދާ އެންމެ ކުއްޖަކުވެސް ރިސޯޓެއްގައި ނެތްކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މީގެ އިތުރުން މިނިމަމް ވޭޖް ކަނޑައެޅި، ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖް ފުރިހަމައަށް ލިބޭ ގޮތް ވެއްޖެ ކަމަށްވެސް ވިދާޅުވި އެވެ.
ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތް ހެދުމަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީން ވި ވައުދެކެވެ.
އެ ވައުދު ފުއްދުމަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ހުށައެޅީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.
މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށާއި އަދި ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް ވަޒީފާދޭ ފަރާތުން މުވައްޒަފަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް އަދި ވަޒީފާ އަދާ ކުރާ ފަރާތުން ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭނެ ކަމަށް ފާސްކޮށް ވަޢުދު ފުއްދެވި އެވެ.
އިސްލާހުގައި ވާގޮތުން ޑިއުޓީ ނިންމާފައި ރަށަށް ދިޔުމަށް ހުރަހެއް ނެތެވެ. އެކަމަކު ރަށަށް ދާންޖެހޭނީ އަމިއްލައަށެވެ.
61 މެމްބަރުންގެ ވޯޓުން ފާސްކުރި އެ އިސްލާހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގުކުރެއްވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
"ނައިޓަށް"ދިޔުމުގެ ގޮތުން ބްރޭންޑުވި އެ އިސްލާހުގައި އަސްލެއް ނެތް ބޯދާ ސިޔާސަތުތަކެއްކަމަށް ބުނެ ގިނަބަޔަކު އެދުވަސްވަރު ޖޯކިޖެހި އެވެ. "ނ. އަތޮޅުގައި މަސައްކަތް ކުރާ އައްޑޫ މީހާ ކޮންމެރެއަކު ނިދަން ރަށަށް ދާނީ ކިހިނެތް؟" ތޯ ސުވާލު ކުރި އެވެ.
2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ހުރިހާ ރިސޯޓަކުން އެމްޑީޕީ އަށް ދިނީ ސުޕަރ މެޖޯރިޓީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!