ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރ ކަސެމީރޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ތައްޔާރުވަމުން އަންނަ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މީޑީއާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އުމުރުން 30 އަހަރުގެ ކަސެމީރޯ ޔުނައިޓެ ބަދަލުވަނީ 60 މިލިއަން ޔުރޯއަށެވެ. އަދި ކަސެމީރޯ ޔުނައިޓެޑްގައި ދައްކާ ކުޅުމަށް ބަލާފައި އިތުރު ދިހަ މިލިއަން ޔޫރޯ ދޭން ވެސް ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ.
ކަސެމީރޯ ޔުނައިޓެޑަށް ގެންދިޔުމަށް ރިއާލާއިއެކު ޔުނައިޓެޑުން ކުރަމުން އަންނަ މަސްވަރާގެ ދަށުން ހުށަހަޅާފައިވާ ޕްރޮޕޯސަލް ރެއާލުން މިހާރު ވަނީ ޤަބޫލު ކޮށްފައެވެ. މިއަދުގެ ވަގުތެއްގައި އެ ޑީލް ނިމި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭ ކަސެމީރޯ ޔުނައިޓެޑްގެ މެޑިކަލް ފުރިހަމަ ކުރާނެކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ކަސެމީރޯއަށް ޔުނައިޓެޑުން ހުށަހަޅާފައި ވަނީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ.
ކަސެމީރޯ 2013 ވަނަ އަހަރުން ފެށިގެން ރެއާލްއާއިއެކު ކުޅެމުން އަންނައިރު، އޭނާ ވަނީ 15/2014 ސީޒަންގައި ލޯން އެއްބަސްވުމެއްގެ ދަށުން ޕޯޗުގަލްގެ ޕޯޓޯއަށް ކުޅެފައެވެ. އެއަށްފަހު ރެއާލަށް ބަދަލުވެ އޭނާ ވަނީ މިހާތަނަށް އެ ޓީމްގެ މިޑްފީލްޑުގައި މުހިންމު ދައުރެއް އަދާކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
މިގޮތުން އޭނާ ވަނީ ރެއާލާއި އެކު ޖުމްލަ 18 ތައްޓެއް ކާމިޔާބު ކޮށްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ކާމިޔާބަކީ އޭނާ ރެއާލާއިއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ސްޕެނިޝް ލަލީގާގެ ތަށި ތިން ފަހަރު އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.
ލީގުގައި ޔުނައިޓެޑުން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެ ޕޮއިންޓް ތާވަލުގެ ފުލުގައި އޮތްއިރު، އެ ޓީމްގެ މިޑްފީލްޑަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ރަނގަޅު މިޑްފީލްޑް ކުޅުންތެރިއެއް ހޯދުމަށް އެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ޔުވެންޓަސްއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރ ރަބިއޮޓް ހޯދުމަށް ވެސް ޔުނައިޓެޑުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.
ކަސެމީރޯ ވަނީ ރެއާލަށް ކުޅެދިން 336 މެޗުގައި އެ ޓީމަށް 31 ލަނޑު ޖަހައިދީ 29 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!