ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި މެދު ދެކޮޅު ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ވެރިކަން ހިންގަމުން އަންނަ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައީސް ނަޝީދު އަންނަނީ މަސައްކަތްކުރައްވަމުންނެވެ. ރިޔާސީ ނިޒާމެއްގައި ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ރައީސް ނަޝީދަކީ އެންމެ ފުރަތަމަ 2008 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓު ނެގި އިރު ވެސް ބަރުލަމާނީ އަށް ތާއިދުކުރެއްވި ބޭފުޅެކެވެ.

Ad
rt

އެންމެ ފަހުން އެމަނިކުފާނު މިހާރު ވަނީ ނިޒާމު ބަދަލުކުރުމަށް ބަރުލަމާނީ ނިޒާމުގެ ވޯޓަކަށް ދިއުމަށް ގާނޫނުއަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ ގުޅޭ ގަރާރެއް މާދަމާ ފަށާ އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅާފައެވެ.

މިކަމާ ގުޅޭގޮތުން އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައްޔިތުން އެދޭ ރަނގަޅު ގޮތް އެނގޭނީ ރައްޔިތުންނަށް ކަމަށާއި، އެގޮތް ހޯދޭނީ ރައްޔިތުން ގާތު އަހައިގެން ކަމަށެވެ. އަދި އެކަމުގައި ރައްޔިތުން ގާތު އެހުމަކީ އެއްވެސް ބަޔަކަށް އިންކާރުކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ފެންނަ ނުފެންނަ ވޯޓަކާއި މެދު އެމަނިކުފާޏު ދައްކަވާ ވާހަކައަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެކޮޅު ހައްދަވާފައި ވަނިކޮށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިހާރު ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމެއް ކަމަށާއި، މިވަގުތު ނިޒާމުގެ ބަހުސް ނުކުރައްވައި އެ ގަރާރު އަނބުރާ ގެންދިއުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި ވެސް ބަރުލަމާނީ އަށް ތާއިދުކުރާ އަދި ރިޔާސީ އަށް ތާއިދުކުރާ މެމްބަރުން ތިބި އިރު، މާދަމާ ފެށޭ ކޮންގްރެސްގައި މި ބަހުސް ހޫނުވާނެ ކަމަށް ބެލެވެއެވެ.