ނ. އަތޮޅު ކެނދިކުޅުދޫގައި ފުލުހުންގެ މަރުކަޒެއް ރަސްމީކޮށް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.
ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓަރު އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.
މި ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވުމަށްފަހު މި ދެބޭފުޅުން ވަނީ ޕޮލިސް ސްޓޭޝަންގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަންގަވައި ދެއްވާފައެވެ.
އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރު އަދި ނ. އަތޮޅު ކޮމާންޑަރާއި ކެނދިކުޅުދޫ ކައުންސިލް އިދާރާގެ އިސްވެރިންނާއި ރަށުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަ ފުޅުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން، ކޮންމެ ރަށެއްގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަނަކީ ވެސް ރާއްޖޭގެ އަމާންކަން ކަށަވަރުކުރުމަށް ގަތާލާ ޗޭނުގެ ބޮޅެއްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ އަމާންކަމާ ސުލްހަވެރިކަން ކަށަވަރުކުރުމަށް، މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުން ގާއިމުވުމުން މެނުވީ މި ޗެއިން ނުވަތަ މި ބޮޅު އެއްކޮށް ފުރިހަމަ ވެގެން ނުދާނެކަމަށް ވެސް މިނިސްޓަރޔ ވަނީ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކާގައި ވަނީ ފުލުހުންގެ މުއައްސަސާގެ އަގު ނެގެހެއްޓުމަށް އެންމެން ގުޅިގެން އަދި މުއައްސަސާއަށް ލޯތްބާއި އިހްތިރާމް ދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކޮށްދިނުމަށް އެދިލައްވާފައެވެ. އަދި ފުލުހުންގެ މުއައްސަސާގެ ޝަރަފަކީ އެއީ މުޅި މުޖުތަމައުގެ ޝަރަފުކަމާއި އަމަންއަމާންކަމާއި ރައްކާތެރިކަމާއި އަދުލު އިންސާފާ، މި ހުރިހާކަމަކާ ގުޅުން އޮތީ ފުލުހުންގެ މުއައްސަސާގެ އަގުހިފެހެއްޓުނު މިންވަރަކުންކަމަށްވުމުން މުއައްސަސާ ތެރޭގައި އެ އަގުތައް ހިފަހައްޓައި އެ އަގުތަކަށް އިސްކަންދެވި އެކަމަށްޓަކައި ހުރިހާ ފުލުހުން އެކުގައި މަސައްކަތްކުރާ ރޫހެއް އުފެއްދުން އެއީ މުޖުތަމައަށްޓަކައި ދިވެހި ފުލުހުން އަދާކުރަންޖެހޭ ވަރަށްބޮޑު ޒިންމާއެއްކަމަށް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކާގައި ކެނދިކުޅުދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުންކަމަށް ވިދާޅުވިއެވެ. އަދި އެ ރަށަކީ ބޮޑު އާބާދީއެއް އޮތް ރަށަކަށްވުމާ ގުޅިގެން މަދުން ނަމަވެސް ރަށުގައި ހިންގާ ކުށްތަކާއި ރަށަށް ތައާރަފުވުމަށް އޮތް ކުށްތަކުން ރަށުގެ މުޖުތަމައު ސަލާމަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކެނދިކުޅުދޫގައި ފުލުހުން ގާއިމުވެ ތިބުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!