ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމައިފިއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހު ދައުރުތައް ބެހިގެން ވަނީ ތިން ދައުރަކަށެވެ. މިގޮތުން މާދަމާ ފެށޭ ދައުރަކީ މިއަހަރުގެ ތިން ވަނަ ދައުރެވެ.

Ad
rt

މާދަމާގެ ޖަލްސާ އެޖެންޑާ މިހާރު މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާއިރު، އެޖެންޑާގައިވާ ގޮތުން މާދަމާ ފުރަތަމަ އޮންނާނީ ވަޒީރާ ސުވާލުކުރުމުގެ ބަޔެވެ. މި ބައިގައި ރ. އުނގޫފާރުގެ ބިން ހިއްކުން ލަސްވާތީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ)، ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމާއި ސުވާލު ކުރުން ހިމަނާފައިވެއެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ހަ ގައުމަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އައިޝަތު ޝާން ޝާކިރު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކަމާގުޅޭ ކޮމެޓީއަށް ފޮނުވުން ހިމެނެއެވެ.

މާދަމާ ޖަލްސާގެ އެޖެންޑާގައި ކޮމެޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ވެސް ހިމެނެނީ ތިން ޤައުމަށް ސަފީރުން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަތައް ޚާރިޖާ ގުޅުންތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމު ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ. އެއީ، އެމެރިކާއާއި، މެލޭޝިޔާ އަދި އިންޑިއާއަށް ރާއްޖެއިން ސަފީރެއް ކަނޑައެޅުމުގެ މައްސަލައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޗުއްޓީ ނިންމައި އައު ދައުރަކަށް ހުޅުވާއިރު ރާއްޖޭގެ ސިޔާސީ މަޝްރަޙް އިހުނަށްވުރެ ފެންނަނީ ހަލަބޮލިވަމުން އަންނަ ތަނެވެ.