ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި އަދާލަތު ޕާޓީ (އޭޕީ) އަށް އެންމެ ފަހި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި، ނަމަވެސް އެ ޕާޓީން އިސްކުރާނީ ގައުމުގެ މަސްލަހަތުކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ސައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސްވައިގާ ހިފާފައިވާއިރު، އިމްރާން ކުރިން ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަށްވާ ކަމަށް ވިދާޅުވެފައެވެ. މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ ރާއްޖެ އަށް އެކަށޭނެ ނިޒާމެއް ނޫން ކަމަށާއި، ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ ސިޔާސީ ހަމަޖެހުން ގެއްލި، އަވަސް އަވަހަށް ސަރުކާރު ބަދަލުވެ، ރައްޔިތުން ބައިބައިވާނެ ކަމަށެވެ. އަދި ރައްޔިތުން ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ ކަމަށް ވިދާޅުވިއެވެ.

Ad
rt

އިމްރާން ރޭގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރާާއްޖޭގެ ސިޔާސީ މަޝްރަޙްގައި އަދާލަތު ޕާޓީއަށް އެންމެ ފުރުސަތު ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށެވެ.

''ނަމަވެސް ޤައުމުގެ މަސްލަތަހަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރަން އަދާލަތުގެ މެންބަރުން ނޭދޭނެކަން ޔަގީން'' އިމްރާން ވިދާޅުވެފަވެއެވެ.

ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރަށްވާ ކަމަށް ވިދާޅުވެފައިވާއިރު، ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވެސް އިއްޔެ ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ތާއީދު ނުކުރަށްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ އިއްތިހާދުގެ އަނެއް ބައިބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ތާއީދު ކުރައްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމެއްގެ ގޮތުގައި އޮތުމަށް ކަމަށް ވަނީ ރޭ ވިދާޅުވެފައެވެ. ނަމަވެސް އެ އިއްތިހާދުގައި ހިމެނޭ އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމު އަދި މިކަމާގުޅޭގޮތުން އެއްޗެއް ވިދާޅެއްނުވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޓަވާފައެވެ. އަންނަ ހުކުރު ދުވަހު އޮންނަ އެ ޕާޓީގެ ކޮންގްރެސްއަށް މިކަމާބެހޭ ގަރާރެއް ހުށަހަޅުއްވައި، އެމްޑީޕީގެ ހަރުގޭގައި ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމުގެ ކެމްޕޭނެއް ވެސް އެމަނިކުފާނު މިހާރު ވަނީ ފައްޓަވާފައެވެ.