ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ތާއީދު ނުކުރަށްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެންމެ އިސް ލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިންގުމަށް، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޤަރާރެއް ހުށަހަޅުއްވާފައެވެ. އަދި އަސާސީއަށް ގެންނަން އެމަނިކުފާނު ބޭނުންފުޅުވާ އިސްލާޙްތަކުގެ ތަފްސީލް އިއްޔެ ވަނީ ހާމަކުރައްވާފައެވެ.

Ad
rt

ނަމަވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާމެދު ރައީސް ޞާލިޙްގެ ވިސްނުންފުޅު ހާމަކުރައްވަމުން ވިދާޅުވެފައި ވަނީ، އެމަނިކުފާނު ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަށްވާކަމަށެވެ. އަދި އެމަގަށް މަގުކޮށުމަށް އެމްޑީޕީ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާ ގަރާރު އަނބުރާ ގެންދެވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ކޮންގްރެސްއިން އެ ގަރާރު ފާސްވާނެކަމަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރަށްވާ ކަމަށް ވެސް ވިދާޅުވެފަ ވެއެވެ.

ނިޒާމު ބަދަލުކުރުމާގުޅޭގޮތުން ވިސްނުންފުޅު ހާމަކުރަށްވަމުން ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ބަރުލަމާނީ ނިޒާމެއް ގެންނަވަރަށްވުރެ ރާއްޖެ އޮތީ އަދި އޮތީ ޅަފަތުގައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅާލުމަށް ރައީސް ޞާލިޙް ތާއީދު ނުކުރަށްވާ ކަމަށް ވިދާޅުވިއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާއެެކު ޤާނޫނުއަސާސީއަށް ގެންނަން ބޭނުންފުޅުވާ އިސްލާޙްތަކުގެ ތަފްސީލް ވެސް ދެއްވާފައެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް، އެމްޑީޕީގެ ތާއީދު ހޯދަން އެ ޕާޓީގެ އަންނަ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާ ޑްރާފްޓުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހުންނަވާނީ ރަމްޒީ މަގާމެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތަށް އޮތީ ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ އަދި ވޯޓު ދިން މީހުންގެ 35 ޕަސެންޓަށް ވުރެން މަތީ އަޣުލަބިއްޔަތު ހޯދާ ބޭފުޅެކެވެ.