ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ވެހިކަލް ތަކެއް ޖަޕާން ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފިއެވެ.

މިގޮތުން ޖަޕާނުން ވަނީ، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާސަންސް ވިތް ފިޒިކަލް ޑިސްއެބިލިޓީޒް (އެމްއޭޕީޑީ) އަށް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ތިން ވެހިކަލެއް ހަދިޔާ ކޮށްފައެވެ.

Ad
rt

މި ވެހިކަލްތައް އެމްއޭޕީޑީ އަށް ހަވާލުކުރީ ހުޅުމާލޭ އެއް ނަންބަރު ރުއްގަނޑު ސަރަހައްދުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހްލޫފްއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު މިދޮރި ތަކެއުޗި އާއި އެމްއޭޕީޑީގެ އިސްވެރިންނާއި ބައެއް މެމްބަރުން އަދި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ބައިވެރިވަޑައިގެންނެވިއެވެ.

ޖަޕާން ސަރުކާރުން ހަދިޔާކުރި 3 ވެހިކަލް ފަރުމާކޮށްފައިވަނީ ވީލްޗެއާރގައި އުޅޭ މީހުންނަށް ފަސޭހައިން އެރޭ ގޮތަށެއެވެ. އަދި ރިމޯޓެއް ބޭނުންކޮށްގެން އޮޕަރޭޓްކުރެވޭ ހާއްސަ ރޭމްޕެއް މި އުޅަނދުތަކުގައި ހުރެއެވެ.

އެމްއޭޕީޑީއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހޯދައިދީ، މުޖުތަމައުގައި އެމީހުންގެ ދައުރު ފުޅާކުރުމަށް އެކި ކަހަލަ ޕްރޮގްރާމްތައް ގައުމީ ފެންވަރުގައި ހިންގައި، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެކެވެ.