ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތަކެއް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާތީ އެކަމާގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭ ކަމަށެވެ.

Ad
rt

އަދި އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި، ތަހުގީގުގައި ބޭނުންކުރަމުން ގެންދާ ފޮޓޯތަކެއް ނޫން ކަމަށް ވެސް އެ ޚިދުމަތުން ވިދާޅުވެފަވެއެވެ.

އެފަދަ ފޮޓޯތަކެއް ދައުރުކުރަމުންދާތީ ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި، ލީކު ކޮށްފައިވޭތޯ އެ ޚިދުމަތުން އިތުރަށް ބަލަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

''އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ، ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެފަދަ ފޮޓޯތަކަކަށް ވުމާއެކު، އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް މި ފުރުސަތުގައި ދަންނަވަމެވެ.'' ފުލުހުން ވިދާޅުވެފަވެއެވެ.

ރަޙުމްކުޑަ، އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މި އޯގަސްޓްމަހުގެ 6 ވަނަ ދުވަހުގެ ރެއެވެ. މި ހާދިސާ ހިނގި ކަމުގެ ރިޕޯޓް ފުލުހުންނަށް އާންމު ފަރާތަކުން ހުށަހެޅީ އެރޭ 23:18 ގައެވެ. މި ހާދިސާ ހިނގާފައި ވަނީ ހ. ޝީރީންވިލާގެ 9 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ ކުށުގެ ވެށިން، ޝިއާއުގެ މަރުގެ ތުހުމަތުގައި ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ހައްޔަރުކޮށްފައެވެ. އަދި ޝިއާއު މަރާލި ކޮޓަރި އަކީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޝާހިލް ދިރިއުޅުނު ކޮޓަރިއެވެ.

ޝިއާއު މަރުވި ސަބަބު ހޯދަން ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހަދަން އިންޑިއާ އަށް ފުލުހުން ފޮނުވުމަށްފަހު، އެ ހަށިގަނޑު ރާއްޖެ ގެނެސް ހޯމަ ދުވަހުގެ ރޭ އިޝާ ނަމާދުގެ ފަހުން ފުވައްމުލަކުގައި ވަނީ ވަޅުލާފައެވެ.