ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް ކުރި މަސްތުވާތަކެތީގެ ބޮޑު ދައުވާ އޭނާގެ މައްޗަށް ސާބިތުނުވެ، ކްރިމިނަލް ކޯޓުގައި މިއަދު އޭނާ ސަލާމަތްވެއްޖެ އެވެ.

ކުށް ސާބިތުވި ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު، އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ ފަދަ ބޮޑު ދައުވާ މަލްގެ މައްޗަށް އުފުލީ އޭނާ 2019 ވަނަ އަހަރު މާމިގިއްޔަށް ދިޔައިރު އޭނާގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ.

Ad
rt

މަލްގެ އިތުރުން އިތުރު އަންހެނަކަށް ވެސް އެ މައްސަލާގައި ދައުވާކުރި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދަބަހުން ފެނުނު މަސްތުވާތަކެއްޗާއި އެ ދެ މީހުންނާ ގުޅުވޭނެ ހެއްކެއް ނެތް ކަމަށެވެ. މަސްތުވާތަކެތި ފެނުނީ ދަބަހުގައި އޮތް ސިގިރެޓް ފޮށްޓެއްގެ ތެރެއިން ކަމަށާއި އެކަމަކު އެ ފޮށިން އެ މީހުންގެ ފިންގަޕްރިންޓް ފެނިފައިނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ ދަބަހާއި އެ ދެ މީހުންނާ ގުޅުވާލެވޭ ހެއްކެއް ނެތްއިރު، އެ ދަބަސް އޭރު ބަނދަރު މަތީގައި ހުރީ ތަޅުނުލާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ ދަބަހުގައި އެއްޗެއް ބޭއްވުމުގެ ފުރުސަތު އެހެން ބަޔަކަށް ވެސް އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ.

އެ ދައުވާ ސާބިތުނުވާ ކަމަށް ނިންމެވީ ގާޒީ ހުސައިން ފާއިޒް ރަޝާދު އެވެ.

އެ މައްސަލާގެ އިތުރުން ކުޑަކަމުދާތަކެތި ނުދިނުމުގެ ދައުވާއެއް ވެސް މަލްގެ މައްޗަށް ކުރިން ކުރި އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.