ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް މިއަދު ފޮނުވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު މިއަދު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ފޮނުވީ ކޮން ޤައުމަކަށް ކަމެއް ވިދާޅެއްނުވެއެވެ.

Ad
rt

ރަޙުމްކުޑަ، އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މި އޯގަސްޓްމަހުގެ 6 ވަނަ ދުވަހުގެ ރެއެވެ. މި ހާދިސާ ހިނގި ކަމުގެ ރިޕޯޓް ފުލުހުންނަށް އާންމު ފަރާތަކުން ހުށަހެޅީ އެރޭ 23:18 ގައެވެ. މި ހާދިސާ ހިނގާފައި ވަނީ ހ. ޝީރީންވިލާގެ 9 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ ކުށުގެ ވެށިން، ޝިއާއުގެ މަރުގެ ތުހުމަތުގައި ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ހައްޔަރުކޮށްފައެވެ. އަދި ޝިއާއު މަރާލި ކޮޓަރި އަކީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޝާހިލް ދިރިއުޅުނު ކޮޓަރިއެވެ.

ޝިއާއުގެ މަރާއި ގުޅިގެން މައުލޫމާތު ދިނުމަށް އޯގަސްޓް 7 ވަނަ ދުވަހު ހަވީރު ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި ގޮތުގައި ޝާހިލް ހައްޔަރު ކުރި އިރުވެސް ހުރީ މަސްތުގެ ހާލަތުގަކަމަށެވެ. ނަމަވެސް އޭނާ އަކީ ހާދިސާއާއި ހަމައަށް ކުށުގެ ރެކޯޑް އޮތް މީހެއް ނޫނެވެ. އަދި މި މައްސަލާގައި މިހާތަނަށް ތުހުމަތު ކުރެވެނީ ޝާހިލްއަށް އެކަނި ކަމަށާއި، ނަމަވެސް އޭނާ މިހާތަނަށް ކުށަށް ޢިއުތުރާފް ވެފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރި ޝާހިލްގެ ބަންދާމެދު ގޮތެއް ނިންމުމުމަށް އޯގަސްޓް 7 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ޢަމުރުކޮށްފައެވެ.