ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިންގުމަށް، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޤަރާރެއް ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް (ޝިއްޕެ)ގެ ތާއީދާއެކު ނަޝީދު މިއަދު ހުށަހެޅުއްވި މި ޤަރާރުގައި ވިދާޅުވެފައި ވަނީ، ޤާނޫނުއަސާސީގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، އިންތިޚާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން އެއް ޕާޓީއަކުން ރިޔާސީ އިންތިޚާބު ސާފު އަޣުލަބިއްޔަތަކުން ކާމިޔާބުކުރުމަކީ ނާދިރު ކަމެއްކަމަށެވެ.
އެކަން އެހެން އޮތުމާއެކު، ސަރުކާރުގެ އެންމެ އިސް ފަރާތް، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކާމިޔާބުކުރުމަށް ބާއްވާ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން އެހެންޕާޓީތަކާއެެކު އިއްތިހާދުވުމުން ސަރުކާރު ހިންގުން ގަޑުބަޑުވެ، އެމްޑީޕީގެ ވަޢުދުތައް ފުއްދަން ދަތިވެ އަދި ސަރުކާރާމެދު ޕާޓީގެ ޢާންމު މެންބަރުން އިތުބާރު ކުޑަވަމުންދާކަމަށް އެ ޤަރާރުގައި ވިދާޅުވެފައެވެ.
އެ ޤަރާރުން ނަޝީދުގެ ހުށަހެޅުއްވުމުގައި ވަނީ ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށެވެ. އަދި ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށެވެ. އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް އެ ހުށަހެޅުއްވުމުގައި ވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު 87 އަށް ވުރެ އިތުރު ނުވާނެ ހަމައަކުން ރައްޔިތުންްގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ހިފެެހެއްޓިފައި އޮތުމަށާއި، ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައެޅުމަށާއި އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދަކީ ފަސް ފަނޑިޔާރުން ކަަމަށް ކަނޑައެޅުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ.
MDP ge Naib Raees @mdpshippe ge thaaeedh aai eku alhugandu MDP Congress ah hushalha qaraar miadhu hushahalhafin pic.twitter.com/woPmMVg8gm
— Mohamed Nasheed (@MohamedNasheed) August 11, 2022
މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށާއި، ލާމަރުކަޒީ އުސޫލުގެ ސިފަތައް ގާނޫނުއަސާސީގައި ހިމެނުމަށް ވެސް ނަޝީދުގެ ހުށަހެޅުއްވުންތަކުގެ ތެރޭގައި ހިމެނެއެވެ.
ނަޝީދު ހުށަހަޅުއްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ ވޯޓުން ބަރުލަމާނީ އޮންނަން ފާސްވެއްޖެނަމަ، އެ ޤަރާރުގައި ބަޔާންކޮށްފައިވާ ބަދަލުތައް ގާނޫނުއަސާސީއަށް ގެނައުމަށެވެ.
އެމްޑީޕީ ކޮންގްރެސް ފަށަން ނިންމާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު މާލޭގެ ސޯޝަލް ސެންޓަރުގަ އެވެ. މި ކޮންގްރެސްގައި އެ ޕާޓީގެ 1440 އެއްހާ މަންދޫބުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!