އިސްލާމްދީނާއި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގެ ދައުވާލިބޭ ރުސްތުމް މުޖްތަބާގެ މައްޗަށް ތިން ދުވަސް ތެރޭގައި އަދަބު ކަނޑައަޅައި، ހުކުމް އިއްވަން ހަމަޖައްސައިފި އެވެ.
ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލާގައި 2020 ވަނަ އަހަރު ރުސްތުމް ހައްޔަރުކޮށް، އޭނާގެ މައްޗަށް ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެއް ކުރެ އެވެ. އެ ދައުވާތަކަށް އޭނާ ކުރިން ވެސް ވަނީ އެއްބަސްވެފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވެސް ރުސްތުމް ވަނީ ކުރިން ވެފައިވާ އިއުތިރާފް ދަމަހައްޓަން ބޭނުންވާ ކަމަށް ބުނެ، ކުށަށް އެއްބަސްވެފަ އެވެ. އެހެންވެ، ދެން އޮންނާނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ހުކުމް ކުރުމެވެ.
އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ ދެން އޮންނާނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން ކަމަށެވެ. އެކަމަށްޓަކައި ތިން ދުވަސް ތެރޭގައި އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ.
ރުސްތުމްގެ މައްޗަށް ކުށް ސާބިތުވިޔަސް، ގިނަވެގެން އަންނަނީ ފަސް މަހުގެ ޖަލު ހުކުމެކެވެ. އޭނާ ޖަލަށްލިޔަސް، މިހާރު ވެސް ބަންދުގައި ހަ މަސް ދުވަސް ހޭދަކޮށްފައިވާތީ އޭނާ ދެން އިތުރަށް ތަންފީޒު ކުރަންޖެހޭ އަދަބެއް ނޯންނާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!