ޕާކިސްތާނު ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ކަމުގައިވާ "ޕީއެންއެސް އާލަމްގީރް" އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަނުމުން އެގަމުގެ ސިފައިން ނިކުމެ ފައްސާލައިފި އެވެ.
ގުޖުރާތުގެ ސަރަހައްދުން އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އާލަމްގީރް ވަދެފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ނަމަވެސް ސިފައިންގެ އިސްވެރިންނާއި ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި މިކަން ރިޕޯޓްކުރަން ފަށާފައިވަނީ އިއްޔެ އެވެ.
އާލަމްގީރް އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ ދުވާލުގެ ވަގުތެއްގައެވެ. އިންޑިއާ ސިފައިންނަށް އާލަމްގީރް ފެނުމުން އެ ބޯޓު ފަހަތަށް ޖެހެމަށް ވަނީ މަޖުބޫރުކޮށްފަ އެވެ. އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އާލަމްގީރް އެތެރެވިތާ މާގިނައިރުތަކެއް ނުވެ، އެންމެ ފުރަތަމަ އެކަން އެނގުނީ އިންޑިއާގެ ކޯސްޓްގާޑުގެ ޑޯނިއާ މަތިންދާބޯޓަކަށެވެ. އެއީ އެވަގުތު ކަނޑު ފާރަވެރިވުމަށް އުޅުނު މަތިންދާބޯޓެކެވެ.
އާލަމްގިރް ފައްސާލުމަށް އިންޑިއާއިން ކުރި މަސައްކަތުގައި އާލަމްގިރީގެ ކެޕްޓަން އާއި ރޭޑިއޯ މެދުވެރިކޮށް މުއާމަލާތު ކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ކެޕްޓަން މިއިން އެއްވެސް ސުވާލަކަށް ޖަވާބު ދީފައެއް ނުވެއެވެ.
އިންޑިއާއިން ތުހުމަތު ކުރާގޮތުގައި، ޕާކިސްތާނުން އާލަމްގީރް އިންޑިއާގެ ކަނޑުގެ ސަރަހައްދައް ވައްދާފައިވަނީ އިންޑިއާގެ ދިފާއީ ބަލިފައިތައް ދެނެގަނެ، ކަނޑުގެ ސަރަހައްދު ޓެސްޓް ކުރުމަށެވެ.
މަނަވަރު ޕީއެންއެސް އާލަމްގީރް އިންޑިއާގެ ސަރަހައްދުން ނިކުމެގެން ދަންދެން އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތަކުން އައީ ފާރަލަމުންނެވެ.
އިންޑިއާގެ ކަނޑުގެ ބޯޑަރު ސަރަހައްދުތައް އަބަދުވެސް އަންނަނީ ވަރަށް ބޮޑަށް ބަލަމުންނެވެ. ބޯޑަރުގެ ފަސް ނޯޓިކަލް މޭލު ތެރޭގައި އަމިއްލަ މަސްވެރިންނަށް މަސްވެރިކަމުގެ އޮޕަރޭޝަންތައް ހިންގުމުގެ ހުއްދަ ވެސް ނޯވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!