އިނގިރޭސި ޕްރިމިއާ ލީގުގެ އައު (2022/23) ސީޒަންގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗުގައި، އެ ޓީމަށް މި ސީޒަނަށް ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުން ބޮޑު އަގުގައި ގެނައި ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ ދެ ލަނޑުން ސިޓީ މޮޅު ވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ވެސްޓްހޭމްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، އެ ޓީމުން ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ހާލަންޑެވެ. މި ޕެނަލްޓީ ލިބިފައި ވަނީ ވެސްޓްހޭމްގެ ކީޕަރު އަރިއޯލާ ވެސްޓްހޭމްގެ އޭރިއާތެރެއިން ހާލަންޑަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

މެޗުގެ ދެވަނަ ލަނޑު 65 ވަނަ މިނެޓުގައި ހާލަންޑް ކާމިޔާބު ކޮށްފައި ވަނީ ކެވިން ޑިބްރޭނާ މެދުތެރެއިން ކުޅުނު ތުރޫ ޕާހެއްގައި ތަނަވަސްވީ ފުރުޞަތެއްގައެވެ.

މި ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގައި ވެސް ފަސް ބަދަލު ކުރުމުގެ ފުރުޞަތު ދީފައިވާއިރު، ސިޓީގެ ކޯޗް ގާޑިއޯލާ ވަނީ މި މެޗުގައި ފަސް ބަދަލުކޮށް އެ ފުރުޞަތުގެ ބޭނުން ހިފާފައެވެ.

މިގޮތުން ގާޑިއޯލާ ވަނީ ލީޑްސް ޔުނައިޓެޑުން ސިޓީއަށް ގެނައި އިނގިރޭސި މިޑްފީލްޑަރު ކެލްވިން ފިލިޕްސް އަށް ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުމުގެ ފުރުޞަތު ދީފައެވެ.