މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ހުށަހެޅި ހެއްކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މަސްތުވާތަކެތި ވިޔަފާރިކުރުމާއި ޑްރަގް ވިޔަފާރިން ލިބުނު ފައިސާ ގެންގުޅުނު ކަމަށް ބުނެ ޕެސްޓާއި އިތުރު ބަޔަކު ބަންދުކޮށް، އެ މީހުންގެ މައްޗަށް ކުރާ ދައުވާގައި ޕެސްޓާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތަކެކެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައިވަނީ ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދަން ފުލުހުން ސިޓީއަކުން ބޭންކްގައި އެދިގެން އެ ސްޓޭޓްމަންޓް ހޯދިޔަސް، އެގޮތަށް ސްޓޭޓްމަންޓް ހޯދުމުގެ ބާރު ގާނޫނު އޮތްގޮތުން ފުލުހުންނަށް ނެތް ކަމަށެވެ.
އެ ނިންމުމުގައިވާ ގޮތުން ފުލުހުންނަށް ކޯޓު އަމުރަކާ ނުލައި ހޯދޭނީ ބޭންކް ކަސްޓަމަރުންގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތެވެ. ބޭންކް ސްޓޭޓްމަންޓާއި ކޮށްފައިވާ މުއާމަލާތްތަކާއި ސިޓީއަކުން އެދިގެން ނުހޯދޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމި ނިންމުމުގައިވާ ގޮތުން ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓް ހޯދީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އެ ހެކި ބަލައިނުގަތުމަށް ނިންމާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!