ޔޯގާ ހަމަނުޖެހުމާގުޅިގެން ފުލުހުންގެ ބަންދުގައި ހުންނެވި ޝައިހް އާދަމް ނިޝާން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން މިއަދު ޝައިހް އާދަމް ނިޝާން ދޫކޮށްލީ ޝަރުތުތަކަކާއެކު އެވެ.
ޝައިޚް ނިޝާން ދޫކޮށްލީ ތިން ޝަރުތެއް ކުރުމަށް ފަހު އެވެ. އެއީ ފޯނު ނަންބަރާއި އެޑްރެސް ކޯޓަށް އެންގުމަށާއި ފުރައިގެން ދާން ޖެހިއްޖެނަމަ ލިޔުމުން އެކަން އެންގުން އަދި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށެވެ.
މީގެ ކުރިން ސައިޚް ނިޝާންގެ ބަންދުގެ މައްސަލަ ހައިކޯޓުގައި ވެސް އިސްތިއުނާފް ކުރިއެވެ. ޔޯގާ ހަރަކާތެއް ގަލޮޅު ދަނޑުގައި ބާއްވަނިކޮށް ބަޔަކު ހިންގި ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވި ކަމަށް ބުނެ ޝައިހް ނިޝާން ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އޯގަސްޓް 4 ވަނަ ދުވަހު ވަނީ ނިޝާނާ ދެކޮޅަށް ކޮންމެވެސް މިންވަރެއްގެ ހެކިތަކެއް ލިބިފައިވާ ކަމަށްބުނެފައެވެ. އެހެންވެ ނިޝާން ބަންދުކުރަން ނެރުނު އަމުރު އެ ކޯޓުން ވަނީ ދަމަހައްޓާފައެވެ.
ނިޝާން ދޫކޮށްލި އިރު އޭނާގެ ބަންދުގެ މައްސަލަ އެންމެ މަތީ މަރުހަލަގެ ކޯޓު، ސުޕްރީމް ކޯޓަށް ވެސް ވަނީ ވައްދާފައެވެ.
ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ އެ މައްސަލާގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލައިފަ އެވެ.
ނިޝާނާއި ފަޒްލޫންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަތައް ވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!