ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ނިޔާވެފައިވާ ބަލިމީހެއް ނިޔާވުމުގައި އެ ހޮސްޕިޓަލްގެ ފުރިހަމަ އިންކުއަރީއެއް ހަދަން ފަށާފައިވާކަމަށް ޅ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނީ އެ އިންކުއަރީއަށްފަހު އިހުމާލެއް ފާހަގަކުރެވިއްޖެނަމަ ފިޔަވަޅު އެޅުމަށް ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ނައިފަރުގައި ހާޓް އެޓޭކެއް ޖެހުނު މީހަކަށް އަތޮޅު ހޮސްޕިޓަލުން އަވަސް ފަރުވާ ދިނުމުގައި އިހުމާލުވެ، އެ މީހާ ނިޔާވި މައްސަލައެއް ފެންމަތިވެ، އާއިލާ އިން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް އިއްޔެ ވަނީ ހުށަހަޅާފައެވެ.
މިކަމާއިގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލުން ރޭ އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، ނައިފަރު/ހަވީރީ ހިޔާ، އިހުސާން ޢަލީ ނިޔާވުމާއިގުޅިގެން 5 އޯގަސްޓް 2022 ވަނަ ދުވަހު މީޑިއާގައި އާންމުކޮށްފައިވާ ރިޑޯޓުގައި އެ ހޮސްޕިޓަލުގެ އިހުމާލުތަކެއް ފާހަގަކޮށްފައިވާކަމަށެވެ. އެހެންވެ އިހުސާން ޢަލީ ނިޔާވި ދުވަހު ހޮސްޕިޓަލުން އަމަލުކޮށްފައިވާ ގޮތް ބަލާ ހޮސްޕިޓަލުގެ އިހުމާލެއް ވޭތޯ ބެލުމުގެ ފުރިހަމަ އިންކުއަރީއެއް އެ ހޮސްޕޓަލުން ފަށައިފައިވާކަމަށް ބުނެފަވެއެވެ.
''މިމައްސަލައާއި ގުޅިގެން ފާހަގަކުރެވޭ ކަންކަމުގެ ޢަމަލުކުރެވޭނެ ވަކިގޮތެއްބަލައި އިހުމާލު ވެފައިވާނަމަ އެކަމުގައި ފިޔަވަޅު އެޅުމަށް ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށައެޅިގެންދާނޭ ކަމުގެ ޔަގީންކަން މިފުރުސަތުގައި އަރުވަމެވެ.'' އެބަޔާނުގައި ބުނެފަވެއެވެ.
ނައިފަރުން އިއްޔެ ނިޔާވި މި މީހާގެ ޢާއިލާއިން އިއްޔެ ބައެއް މީޑިއާތަކަށް ބުނެފައިވާ ގޮތުގައި އިހުސާން ޢަލީ ނައިފަރު ބަނދަރުމަތީގައި ހުއްޓާ ހާޓް އެޓޭކް ޖެހިގެން ވެއްޓުމުން ވަގުތުން އެމްބިއުލާންސަށް ގުޅިކަމަށެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދިނުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕެއްގައި ކަމަށެވެ. އަދި ޕިކަޕުން ބޭލުމަށް ފަހު، އޭނާ އަރުވާނެ ސްޓްރެޗަރެއް ނުލިބިގެން ވެސް އެތައް އިރަކު ހޮސްޕިޓަލަށް ނުވެއްދި ތިބެން ޖެހުނު ކަމަށް ބުނެފަވެއެވެ.
މީގެ އިތުރުން އޭނާއަށް ފަރުވާ ދިނުމުގައި ވެސް ހޮސްޕިޓަލުން ފަރުވާކުޑަކޮށް އިހުމާލުވެފައިވާ ކަމަށް ވެސް ޢާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!