ޝައިހް އާދަމް ނިޝާން ބަންދުކުރަން ނެރުނު އަމުރު ހައިކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ޔޯގާ ހަރަކާތެއް ގަލޮޅު ދަނޑުގައި ބާއްވަނިކޮށް ބަޔަކު ހިންގި ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވި ކަމަށް ބުނެ ޝައިހް ނިޝާން ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ނިޝާނާ ދެކޮޅަށް ކޮންމެވެސް މިންވަރެއްގެ ހެކިތަކެއް ލިބިފައިވާ ކަމަށެވެ.

Ad
rt

އެގޮތުން ދަނޑު ބޭރުގައި އޭނާ ހަރަކާތްތެރިވުމާއި ތުހުމަތުކުރެވޭ އެހެން މީހުންނާ އޭނާ މުއާމަލާތުކުރާ މަންޒަރު ފެންނަ ފޮޓޯގެ އިތުރުން އިންޓެލިޖެންސް މައުލޫމާތުތަކެއް ވެސް އެބަހުރި ކަމަށާއި އެ މިންވަރަށް ހެކި ހުރެއްޖެ ނަމަ، ބަންދު ކުރެވިދާނެ ކަމަށެވެ.

ނިޝާންގެ ބަންދު ދަމަހައްޓަން ނިންމިޔަސް، ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ އެ މައްސަލާގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލައިފަ އެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ނިޝާނާއި ފަޒްލޫންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަތައް ވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.