ހެއްކާބެހޭ ޤާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ދަންނަވައިފިއެވެ.
އެމްޖޭއޭގެ މެމްބަރުންނާއި އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތާއި, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މިބައްދަލު ކުރެއްވުމުގައި އެމްޖޭއޭގެ ފަރާތުން ވަނީ، ހެއްކާބެހޭ ޤާނޫނުގައި ހުރި، ނޫސްވެރިން ކަންބޮޑުވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.
ސަރުކާރުން ހެއްކާބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް މާއްދާއެއް ހިމެނި ސަބަބާއި އެކަމުގެ ބޭނުން މިބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ސާފުކޮށްދެއްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުން މީޑިއާގެ މިިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަަމަށް ހުރަހެއް ކުރިމަތި ނުކުރުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިސަރުކާރުގެ ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޤައުމުގައި ހަމަޖެހުން ޤާއިމްކޮށް ހުރިހާ ފަރާތްތަކަކަށްވެސް ރައްކާތެރިކަން ހޯދައިދެއްވުމަށްކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
އެމްޖޭއޭއިން ދެއްކެވި ވާހަކަތައް އަޑުއެއްސެވުމަށްފަހު، ރައީސް ވަނީ، ހެއްކާއި ބެހޭ ޤާނޫނުގެ ދަށުން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ، ޤައުމީ ސަލާމަތާއި ގުޅުންހުރިކުށްތައް، ޤާނޫނުގައި ސާފުކޮށް ބަޔާންކޮށް، ޤާނޫނު އިސްލާޙުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަަމަށް ވިދާޅުވެފައެވެ. އަދި މިހާރު އެކުލަވާލެވެމުންދާ މީޑިއާގެ ބިލާއި ގުޅޭ ގޮތުންވެސް ނޫސްވެރިންގެ ޚިޔާލާއި މަޝްވަރާ ސަރުކާރުން ހޯއްދަވާނެ ކަމުގައި ވިދާޅުވިއެވެ.
ހެއްކާބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް މަޖުބޫރުކޮށްފައިވުމުން ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް ޤާނޫނީ ބޭފުޅުން ވިދާޅުވާގޮތުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރުމަކީ ޤާނޫނުއަސާސީއާއި ޚިލާފް ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!