ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން އާމްދަނީ ލިބޭނޭ މަޝްރޫއުތައް ހިންގަން ނިންމާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ހުސައިން ވިދާޅުވީ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ހިމާޔަތްކޮށްފައިވާ ބައެއް ސަރަހައްދުތަކުގެ މެނޭޖްމަންޓް ޕްލޭނެއް ހަދަން ޖެހޭ ކަމަށެވެ.

Ad
rt

2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގައި ބައެއް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގޭނެ ކަމަށާއި، އަދި މަޝްރޫއުތަކުން އާމްދަނީ ލިބޭނޭ މަގު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެ ތަނަށް ޒިޔާރަތް ކުރާ މީހުނަށް ވިޒިޓާސް ސެންޓަރެއް އެޅުމާއި އެ ތަންތަނުގައި މީހުންނަށް މަޑުކޮށްލެވޭ ކަހަލަ ހިޔާވަހިކަން ގާއިމުކުރުން ފަދަ މަސައްކަތްތައް ހިމެނޭ،" މަޝްރޫއާއި ގުޅޭ މައުލޫމާތު ހާމަކުރައްވަމުން ޑރ. ހުސައިން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެދަށުން ބޮޑުތިލަދުންމަތީގެ 11 ސަރަހައްދެއް އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަންބަރު (IUL)438-ENV/438/2019/150 (16 ޖޫން 2019) އިޢުލާނުން ޙިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މިގޮތުން ހިމާޔަތްކޮށްފައިވާ 11 ސަރަހައްދަކީ،

1. ހއ. ގައްލަންދޫ ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (252 ހެކްޓަރ)

2. ހއ. ބިލެތްދޫ ތިލަ ސަރަހައްދު (4354 ހެކްޓަރ)

3. ހއ. ކެލާ ކަނޑޫފާ ސަރަހައްދު (112 ހެކްޓަރ)

4. ހދ. ފިނޭ ތިލަ (97.9 ހެކްޓަރ)

5. ހދ. އިންނަފުށި ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (1366 ހެކްޓަރ)

6. ށ. ބޮލިއްސަފަރު ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (954 ހެކްޓަރ)

7. ށ. ނާލާހުރާ ފިނޮޅާއި، ފަޅުގެ ސަރަޙައްދު (159ހެކްޓަރ)

8. ނ. ފޮއްދިއްޕަރު ފިނޮޅާއި، ފަޅުގެ ސަރަޙައްދު (322ހެކްޓަރ)

9. ނ. ކެނދިކުޅުދޫ ކުޅި ( 512ހެކްޓަރ)

10. ނ. އޮރިމަސް ތިލަ (46.3 ހެކްޓަރ)

11. ނ. ބޮޑުޅައިމެންދޫ ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (321 ހެކްޓަރ)

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައިވަނީ މި ސަރަހައްދުތައް ޙިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން މިސަރުކާރުން ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރެއިން ކޮންމެ އަތޮޅެއްގައި ބައިނަލްއަޤްވާމީ މިންގަޑަށް ފެތޭގޮތަށް ސަރަހައްދުތަކެއް ޙިމާޔަތްކުރުމުގެ ޕްރޮގްރާމުގެ ދަށުން، 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭގޮތަށް ރައްކާތެރިކުރުމުގެ ޕްރޮގްރާމްގެ ފެށުމެއްގެ ގޮތުންނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 22 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިންނާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ ދަށުން ދިރޭތަކެތީގެ ނަސްލާއި ޤުދުރަތީ ވަސީލަތްތައް ޙިމާޔަތް ކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.