މާސް އިން ހިލައިގެ ސާމްޕަލް ނަގައިން ދުނިޔެއަށް ގެނައުމުގެ ޕްލޭނެއް ނާސާ އިން ހިއްސާކޮށްފި އެވެ.

ނާސާ އިން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން، 2033 ވަނަ އަހަރު މާސްގެ ސާމްޕަލްތައް ދުނިޔެއަށް ފޯރާނެ ކަމަށް ލަފާކުރެއެވެ. "މާސް ސާމްޕަލް ރިޓާން" އަކީ މާސް އިން ނަގާ ހިލައިގެ ސާމްޕަލްތައް ދުނިޔެއަށް ގެނައުމަށް ނާސާއިން އިސްވެ ހިންގާ ޕްރޮޖެކްޓެކެވެ.

Ad
rt

އެ ޕްރޮޖެކްޓުގެ ކޮންސެޕްޓުއަލް ޑިޒައިން މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އީއެސްއޭ) އާއި ގުޅިގެން އާކިޓެކްޗަރަލް ޑިޒައިން ތައްޔާރުކޮށްފައިވާއިރު، މި މިޝަން ކާމިޔާބު ވުން ގާތްކަމަށް ނާސާ އިން ބުނެ އެވެ. މާސް އިން ސާމްޕަލް ގެނައުމަށް ނާސާއިން ފުރަތަމަ ހުށައެޅި ޕްލޭން ބަރޯސާވަނީ އީއެސްއޭގެ ރޯވަރ ނުވަތަ ޖައްވުގެ ދިރާސާތަކަށް ބޭނުންކުރާ ރޮބޮޓިކް އުޅަނދަށެވެ.

ދުނިޔޭގެ ޖައްވީ ސްޓޭޝަންތަކުން އީއެސްއޭގެ ރޯވާރ ބޭނުން ކުރަން ރަނގަޅު ޕްލޭނެއް ކުރިއެވެ. އެއީ މާސް އަށް ގޮސް، ސާމްޕަލް ނެގުމަށް ފަހު ރޮކެޓަށް އަރުވައިގެން "އާތު ރިޓާން އޯބިޓާ" ކިޔާ ޖައްވީ އުޅަނދަށް ގެންގޮސް، އެތަނުން ދުނިޔެއަށް ގެނެއުމެވެ.

ނިޔޯކް ޓައިމްސްގެ ރިޕޯޓެއްގައި ވާގޮތުން، އެ ޕްލޭނުުގެ އަގު ވަރަށް ބޮޑުވެ އެވެ. ސަބަބަކީ، އީއެސްއޭގެ ރޯވާރ ގެ ސައިޒް ބޮޑުވުމުން މާސް ގައި ހުރި ލޭންޑަރު، ނުވަތަ ޖައްވީ އުޅަނދު ޖައްސާ ތަނަށް ނުފެތުމެވެ. އެ ރޯވަރ މާސް އަށް ޖެއްސޭނީ ނާސާ އިން ދެވަނަ ލޭންޑަރެއް އަޅައިގެންނެވެ.

އެކަމާއިގުޅިގެން ނާސާ އިން ވަނީ އާ ޕްލޭނެއް ހިއްސާކޮށްފަ އެވެ. އެގޮތުން، އީއެސްއޭގެ ރޯވަރ ގެ ބަދަލުގައި މާސްގައި މިހާރު ހުރި އެ އޭޖެންސީގެ "ޕާސިވިއަރެންސް" ރޯވަރ ބޭނުންކޮށްގެން ސީދާ ލޭންޑަރަށް ހިލަތައް ލޯޑުކުރުމެވެ. އެއަށް ފަހު ރޮކެޓަށް އަރުވާނެއެވެ. ކުރީ ޕްލޭނެކޭ ވެސް އެއްގޮތަށް ކުރިއަށް ގެންދަން ހުށައެޅި އެވެ.
މިދިޔަ އަހަރު މާސް އަށް ޖެއްސި ނާސާގެ ޕާސިވިއަރެންސް ރޯވަރ މިހާރު ވެސް ދަނީ އެ ޕްލެނެޓުން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ކަމަށް ނާސާ އިން ބުނެ އެވެ.

ސާމްޕަލް ރިޓާން ޕްރޮޖެކްޓް މާސް އާ ހަަމައަށް ފޯރާނީ 2030 ވަނަ އަހަރުގެ ތެރޭގަ ކަމަށް ހަބަރުތައް ބުނެ އެެވެ. އޭގެ ކުރިން ޕާސިވިއަރެންސް އަށް ގެއްލުމެއް ވެއްޖެ ނަމަ، މާސްގައި އޮޕެރޭޓުކުރާ ނާސާގެ ސްޕޭސް ހެލިކޮޕްޓަރެއް މެދުވެރިކޮށް އެ ރޯވަރ އިން ލޭންޑަރަށް ސާމްޕަލްތައް ގެނަައުމަށް އެ އިދާރާއިން ވަނީ ރާވާފަ އެވެ.

އެ ޕްރޮގްރާމް ކާމިޔާބުވެ، މާސް އިން ނަގާ ގޮތް ނޭންގޭ ސާމްޕަލްތައް ދުނިޔެ އެތެރެކުރާނީ ރައްކާތެރިގޮތަކަން ކަމަށް ނާސާ އިން ޔާގީންކަންދެ އެވެ.