ތިމާއަށް ރަގަޅުގޮތް އެނގޭނީ އެހެންމީހުންނަށެވެ! މިއީ އަޅުގަޑުމެންގެ ތެރެއިން ބައެއް މީހުން ގަބޫލުކުރާގޮތެވެ. އެމީހުން ގަބޫލުކުރާގޮތުގައި ރަގަޅާ ނުބައި ވަކިކުރުމުގެ މިންގަޑަކީ ދަންނަމީހާ އެވެ.

އެމީހާއަކީ، އެއީ ދަންނަމީހާކަން އެމީހާ ދަންނަ އަދި އެކަން އެހެންމީހުންގެ ތެރެއިން ގިނަބަޔަކުވެސް ދަންނަ މީހާއެވެ. އާއެކެވެ. އެމީހުން ބުނާނެއެވެ.

Ad
rt

"ހަމަ ޔަގީނުންވެސް ގޮތަކީ މިއީ. މިގޮތް ދޫކޮށްލާ ތިމާގެ އަމިއްލަ ބުއްދިޔަށް ފެންނަގޮތް އެއީ ރަގަޅުގޮތް ކަމުގައި ހަދައިގެން، ހަވާނަފުސަށް ހެއްލިގެން އުޅޭ މީހުން ފަހުން ހިތާމަކުރަންޖެހޭނެ."

އެމީހުން ގަބޫލުކުރާ ގޮތުގައި "ރަގަޅުގޮތް" އެނގުމާއި އެގޮތް ދަތުން އެއީ ހަމައެކަނި ވަކިބަޔަކަށް މާތްﷲ މިންވަރުކުރެއްވި ހައްގެކެވެ. ތިމާއަކީ ހުރިހާކަމެއް އެންމެރަގަޅަށް މޮޅަށް ދަންނަމީހާކަމުގައި ބުނާބުނުމަށް ކިރިޔާވެސް ޝައްކެއްކުރިމީހަކު އެހުރީ، ރަގަޅުމަގުން ކައްސާލާ ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިފައެވެ.

އަޅުގަޑުމެން މިއަދު މިވާހަކަދައްކާގޮތަށް – ރައްޔިތުންގެ ސަރުކާރަކާއި، ހެޔޮވެރިކަމާއި، ގާނޫނީހަމަތަކުގެމަތީން ގައުމެއް ބިނާކޮށް އާރާސްތުކުރުމަށް އޮންނާނެ އެންމެބޮޑު ގޮންޖެހުމަކީ، މިފަދަ މީހުންގެ ފުށުން ގައުމު ސަލާމަތްކުރުމެވެ.

ޑިމޮކްރަސީއާއި ގުޑްގަވަނަންސާއި ރޫލްއޮފްލޯވ އަށް އޮތް އެންމެބޮޑު ބިރަކީ، މިމީހުންގެ ފިކުރު އެހެންމީހުންގެ މައްޗަށް ގަދަކޮށް – އަމިއްލަ ފިކުރާއި ބުއްދީގެ ބޭނުންހިފައިގެން ވިސްނާފިކުރުކުރާ މީހުންގެ ދުވަސްދުއްވާލުމެވެ.

އަޅުގަޑުމެން މިއަދު މިވަނީ، ގާނޫނީ ހަޔާތުގެ އާބާބަކަށް އަލިވިލުނުތާ އަދި މާގިނަދުވަސްތަކެއް ނުވާ ގައުމެއްގައި ދިރިއުޅޭ ބައެއްގެ ގޮތުގައެވެ.

މިއަދު، ރަގަޅުގޮތް އެނގެނީ ތިމަންނައަށޭ، ތިމަންނަބުނާގޮތް ގަބޫލުކުރާށޭ ބުނާ ބަޔަކު އުޅޭނެއެވެ. އެކަމަކު ވިސްނާފިކުރު ހިންގަމާތޯއެވެ؟ ރަގަޅުގޮތް އެނގޭނީ ތިމާއަށެވެ. ގައުމުގެ ކުރިމަގު އުޖާލާކުރެވޭނީ އެއިރުންނެވެ.

އަޅުގަޑުމެންގެ ތެރޭގައި އާލާވަމުން މިދާ ރަންނަމާރި ފިލުވާލެވޭނީ، ތިމާއަށް ރަގަޅުގޮތް އެނގޭނީ ތިމާއަށް ކަންގަބޫލުކުރާ، އަދި ތިމާއަށް ރަގަޅުކޮށް ތިމާއަމިއްލައަށް ވިސްނުމާއި ފިކުރުހިންގައިގެން ދެނެގަތުމުގެ ގާބިލުކަން ލިބިގެންވާ، ވިސްނުމަކާ ނުލާ އަނެކެއްގެ ބަހަށް ނުހެއްލޭނެ ގާބިލުޖީލެއް ބިނާކުރެވިގެންނެވެ.

ތިމާއަކީ އަމިއްލަ ވިސްނުމާއިފިކުރެއް ގެންގުޅޭ ރަގަޅުގޮތް އަމިއްލަޔަށް ކަނޑައަޅާ މީހަކަށްވުމަކީ އަޅުގަޑުމެން ކޮންމެމީހެއްގެ ޒިންމާއެކެވެ. މިލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދަށް ދެމިއޮތުމަށްޓަކައެވެ.