•  
  •  
  •  
  •  
  •  
  •  
  •  

އެމެރިކާގެ ކެލިފޯނިޔާގެ ގިނަ ސަރަހައްދު ތަކެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑު ކޮންޓްރޯލްނުވެ އަނދަމުން ދާތީ ގަވަރުނަރު ގެވިން ނިއުސަން އެ ސްޓޭޓުގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ހާލަތު އިއުލާންކުރައްވައިފިއެވެ.

އުތުރު ކެލިފޯނިޔާގެ 2 ލައްކަ މީހުން ގެތައް ދޫކޮށް ދިއުމަށް އަންގާފައި ވާއިރު، ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ އެއްކޮށް އަނދާފައެވެ. މިއާއިއެކު ސަންޓާ ރޯސާ އަށް ދަތުރުކުރާ މަގު އުޅަނދުފަހަރުން ތޮއް ޖެހިފައިވާއިރު ސަންޓާ ރޯސާއަކީ މީގެ ދެ އަހަރު ކުރިން ރޯވި އަލިފާނުގައި ސުންނާފަތިވި ރަށެކެވެ.

ވައި އިތުރަށް ގަދަވަމުންދާތީވެ އަލިފާންގަނޑު އަދިވެސް ދަނީ ބޮޑުވަމުންނެވެ. ގަޑިއަކު 90 މޭލު ބާރުމިނުގައި ވައި ގަދަވެފައިވާއިރު އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ 2 މީހަކުވަނީ ވަރަށް ބޮޑަށް ފިހިގެން ހޮސްޕިޓަކަށް ގެންގޮސްފައެވެ. 3000 އަށްވުރެ ގިނަ ފަޔަރ ފައިޓަރުންދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ.

ކެލިފޯނިޔާއަށް ކަރަންޓުގެ ޚިދުމަތްދޭ ކުންފުނި ޕެސިފިކް ގޭސް އެންޑް އިލެކްޓްރިކް ކޮމްޕެނީ އިން ވަނީ 2.8 މިލިއަން މީހުންނަށް ދެމުން އައި ކަރަންޓުގެ ޚިދުމަތް ކަނޑާލާފައެވެ. އެއީ، އަލިފާން ފެތުރުމުގެ ފުރުސަތު ނުދިނުމަށެވެ. މިއީ އެ ކުންފުނީގެ ތާރީޚުގައި އެންމެ ގިނަ ގެއިން ކަރަންޓު ކެނޑި ފަހަރެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ރޯވެ އަނދަން ފެށި އަލީފާނުގެ ތެރެއިން އަދި ނިއްވާލެވިފައި ވަނީ %10 ކަމަށް ވެއެވެ. ކެލިފޯނިޔާގެ ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔާ ޕްރޮޓެކްޝަން އިން ބުނި ގޮތުގައި އަލިފާންގަނޑުތައް ވަނީ 120 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައެވެ.

ޚިޔާލު

Your email address will not be published.

More in ދުނިޔެ