ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގުރޫޕަށް މުއްދަތު ޖަހައިފި އެވެ.
އެއްޖިންސުން ގުޅުން ހިންގާ ލިވާތުކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު ގެ ބަންދަށް ޖެހީ 7 ދުވަހެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ މިއަދު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށްފަހުގަ އެވެ.
ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ވަޒީފާ އަދާ ކުރާ އުމުރުން 35 އަހަރުގެ އަބްދުއްރަހުމާން ރަފީއުގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހީ 15 ދުވަހުގެ މުއްދަތެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި 45 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ނަޝީދު އަލަމްގިރި ދިރިއުޅުނު ކޮޓަރިއަށް ގޮސްހުރި މަންޒަރު ފެންނަ ފޮޓޯއެއް ޖޫން މަހުގައި ލީކުވުމުން ފޮޓޯއިން ފެންނަނީ އޭނާ ކަމަށާއި، އެ ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމުގައި އޭނާ ބުންޏެވެ. އަދި އޭނާ އެފަދަ އަމަލެއް ނުހިންގާ ކަމަށްވެސް ބުންޏެވެ. ނަމަވެސް ފަހުން ނަޝީދުގެ ވީޑިއޯވެސް ވަނީ ލީކުވެފަ އެވެ.
އަލަމްގީރާއެކު އެއްޖިންސުން އެތައް ބަޔަކު ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާއިރު ފުލުހުން ބުނީ މީހުން ހައްޔަރުކުރަން ފެށީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!