ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. މިގޮތުން އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއެކު ބޭއްވެވި ބައްދަލުކުރެއްވުން ފާހަގަކޮށްލެވެއެވެ. ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތައް ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ދެޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުމާއި ބެހޭގޮތުންނާއި ދެޤައުމުގެ މިގުޅުން ކުރިމަގުގައި އެކިދާއިރާތަކުން އިތުރަށް ބަދަހި ކުރުމާއިބެހޭގޮތުން ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ރާއްޖޭގައި ޖަޕާނުގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ކުރިޔަށްގެންދާތާ އެތައް އަހަރެއްވެފައިވާ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ ރައީސް ސިނީޗީ ކިޓައޯކާއާ ބައްދަލު ކުރައްވާފައިވެއެވެ. މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖައިކާއިން ރާއްޖޭގައި ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރެއްވި މި ތާރީހީ ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާ، ދިވެހި އާއިލާތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އެޤައުމުތަކުގައި ރަނގަޅުފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުތަނަވަސްކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!