ލިވާތުކުރިކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ވަކީލް ނާޒިމް ސައްތާރު ހައްޔަރުކުރުމުން އެމަނިކުފާނު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިފި އެވެ.

ސަރުކާރަށް ނަޝީދުގެ ނުރުހުން އަމާޒު ކުރައްވައި މިރޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކޮއްކޯފުޅު ހައްޔަރުކުރީ ދީނީ ހަރުކަށި މީހުން ރުއްސަން ކަމަށެވެ.

Ad
rt

ނަޝީދުގެ ކޮއްކޯފުޅު ހައްޔަރު ކުރީ މިރޭ ނާޒިމް އއ. އަތޮޅުގެ ރިސޯޓެއްގައި ހުންނަވަނިކޮންނެވެ. އެބޭފުޅާ ހައްޔަރުކުރީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގަ އެވެ. ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ނާޒިމް ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ ވީޑިއޯ އެއް މީގެ މަހެއްހާދުވަސް ކުރިން ވަނީ ލީކުކޮށްލާފަ އެވެ.

އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގި ބަޔަކު މިއަދު ހައްޔަރު ކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރުމާއި އެކު ނާޒިމް މާލެ ދޫކުރައްވާ ރިސޯޓަކަށް ދިޔަކަމަށް އަޑުފެތުރުނެވެ. ނާޒިމް ފުލުހުންނާއި އަމިއްލައަށް ހަވާލުވީ އެ ރިސޯޓު ކައިރި އަށް ފުލުހުން ދިއުމުންނެވެ. ނާޒިމް މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުން އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގަ އެވެ.

އެއާއި އެކު، ބޭބޭފުޅު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މަނިކުފާނުގެ ކޮއްކޮ ނާޒިމް ހައްޔަރުކުރީ ޖިނާއީ އިޖުރައާތުތަކާ ހިލާފަށް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ސަރުކާރުގައި ތިބި ދީނީ ހަރުކަށި މީހުންގެ ރުހުން ހޯދަން ކަމަށް ވެސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވި އެވެ.

މިމޭރުމުން ނަޝީދު ވިދާޅުވިއިރު، ހޯމް މިނިސްޓަރު، އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މުޑުދާރު އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އަޅަން ފުލުހުން ފަސްނުޖެހޭނެ ކަން ކަށަވަރު ކުރާނެ ކަމަށެވެ.

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ އެތައް ބައެއް ވީޑިއޯ މިދިޔަ މަހުގެ ފަހުކޮޅު އާންމުވިއިރު، އެންމެ ފުރަތަމަ އާންމުވީ ނާޒިމް ސައްތާރުކަމަށް ބެލެވޭ މީހާގެ ވީޑިއޯ އެވެ.

އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ 3 ބޭފުޅުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން މިރޭބުނެފައިވެ އެވެ. ފުލުހުންބުނީ އެބޭފުޅުން ހައްޔަރުކުރީ، ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަޙްޤީޤަށް ކަމަށެވެ.

މިގޮތުން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު އަދި 46 އަހަރުގެ ފިރިހެނަކު މިހާތަނަށް ހައްޔަރުކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. މި 3 ބޭފުޅުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.

ނާޒިމް ސައްތާރު ހައްޔަރުކުރިކަން ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ނާޒިމް ހައްޔަރުކުރިކަން ކަށަވަރުކޮށްދެއްވީ ބޭބޭފުޅު ނަޝީދު އެވެ.