އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ 3 ބޭފުޅުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުންބުނީ އެބޭފުޅުން ހައްޔަރުކުރީ، ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަޙްޤީޤަށް ކަމަށެވެ.

Ad
rt

މިގޮތުން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު އަދި 46 އަހަރުގެ ފިރިހެނަކު މިހާތަނަށް ހައްޔަރުކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. މި 3 ބޭފުޅުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.

ހައްޔަރުކުރި 3 ބޭފުޅުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ވަކީލް ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާކަމަށް ނަޝީދު ކުރެއްވި ޓުވީޓެއްގައި ކަށަވަރު ކޮށްދެއްވި އެވެ. ނާޒިމްގެ އިތުރުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ އަނެއް ބޭފުޅަކީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އުމުރުން 35 އަހަރުގެ އަބްދުއްރަހުމާން ރަފީއު (ދޮންދިގު) އެވެ. އެ މައްސަލާގައި ދެން ހިމެނޭ މީހުންގެ ވީޑިއޯތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓީޓީ ފޮރެސިކް ތަޙްލީލުން ކަށަވަރުކުރުމަށް އެ ޚިދުމަތުން ދަނީ މަސައްކަތްކުރަމުންކަމަށާއި މިގޮތުން ޖިނާޢީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަމަށެވެ.

"މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވީޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މިމައްސަލަތަކުގައި މިސަރވިސްއިން މިދަނީ ހިންގަމުން. މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މި ފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ޤާރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައްތަހުގީގު ކުރަމުންދާކަން އެންގުން ހިމެނޭ."

ނޫސްވެރިންނަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާކަމަށް ފަތުރާފައިވާ ޚަބަރަކީ އެއްވެސް އަސާސެއްނެތް ދޮގުތުހުމަތެއްކަމުގައި ދަންނަަވާފައިވެއެވެ.

އެގޮތުން، އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވާކަމަށާއި މިމައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންދަނީ ކުރަމުންކަމަށް ފުލުހުން ބުންޏެވެ.